ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުއޮޅީގެ ގޮތުގައި ސިފަކުރަމުން އަންނަ މިސްރުގެ ސުއޭޒް ކެނަލްއަށް، މި ނިމުނު މާލީ އަހަރު، ޓެކްސްގެ އާމްދަނީގެ ގޮތުގައި 5.84 ބިލިއަން ޑޮލަރު ލިބިއްޖެއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔެ އިނދަޖެހިފައި އޮތް އޮތުމާއި، ބޮޑު އާގުބޯޓެއް ތާށިވެ، ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކެނަލްގެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް ގެންނަން ޖެހުނު ކަމުގައި ވީ ނަމަވެސް، ސުއޭޒް ކެނަލްއަށް ޓެކުހުން ލިބުނު އާމްދަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ އިސްވެރިޔާ އުސާމާ ރާބީ ވިދާޅުވީ، އެކި ކަހަލަ ގޮންޖެހުންތަކާ އެކުގައިވެސް، ޖޫން 30 ވަނަ ދުވަހު ނިންމާލި މާލީ އަހަރު، އެ ކަނޑުއޮޅިން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު، އިންތިހާއަށް އިތުރު ވެފައި ވާ ކަމަށެވެ.

5.84 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް ރިޕޯޓް ކޮށްފައި ވާއިރު، މިއީ ސުއޭޒް ކެނަލްގެ ތާރީހުގައިވެސް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ. މިއީ މިދިޔަ މާލީ އަހަރާ އަޅާ ބަލާއިރު 2 ޕަސެންޓްގެ ކުރިއެރުމެކެވެ.

ސުއޭޒް ކެނަލްގައި ތާށިވެފައި އޮތް ބޯޓު/ ފޮޓޯ: ރޮއިޓާސް

ރާބީ ވިދާޅުވާ ގޮތުގައި ސުއޭޒް ކެނަލްއަށް ލިބުނު އާމްދަނީ އިތުރު ވެފައި ވަނީ މާކެޓިންގް ވަރުގަދަވުމުގެ އިތުރުން، އަގުތައް ކަނޑައެޅުމުގައި ގެންގުޅުނު ދޫދެނިވި އުސޫލުތަކުގެ ސަބަބުން، ދަތުރު ކުރާ ފަރާތްތަކުގެ އިތުރުބާރު ލިބިގެންނެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ރެކޯޑްތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި، 9763 ބޯޓެއް، އެ ކަނޑުއޮޅި ހުރަސް ކުރިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 2 ޕަސެންޓް އިތުރު އަދަދެކެވެ. 2020 ވަނަ އަހަރު ސުއޭޒް ކެނާލުން 19000 އެއްހާ ބޯޓު ހުރަސް ކުރިއެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ، ގާތްގަނޑަކަށް 50 އަކަށް ބޯޓެވެ.