ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު 2 ބިލެއް ތަސްދީގު ކުރައްވައިފިއެވެ.
މިއަދު ތަސްދީގު ކުރައްވާފައި ވަނީ އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު (ގާނޫނު ނަންބަރު 70/4ޖ.) އުވާލުމުގެ ބިލާއި ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 2016/29) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.
މި ދެ ބިލަކީ ޖުލައި 5، 2021 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ދެ ބިލެވެ.
ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމްއެވެ.
އެ ބިލް ހުށަހަޅާ މަގްސަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި "ޑުއިން ބިޒްނަސް" ފަސޭހަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށް ވެފައި، ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ، އެހެނިހެން އާލާތްތައް ތައާރަފް ވުމާއެކު މި އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުން ދިއުމާއި ސްޓޭމްޕް ޕްރިންޓު ކުރުމަށް ހަރަދުތަކެއް ހިނގާތީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ސަރުކާރުގެ ފަރާތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެ އިސްލާހު ހުށަހެޅުއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މި ބިލާއެކު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިޕާޗާ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. މި ގާނޫނުގައި ބުނާ އެއާޕޯޓް ސާވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓް ސާވިސް ޗާޖާއި، ޑިޕާޗާ ޓެކްސްގެ އިތުރުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ވަނީ ނެގުމަށް ނިންމާފައެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.
އެއާޕޯޓް ސާވިސް ޗާޖް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ދައުލަތައް ދެއްކުމަކީ އެ އެއާލައިނެއްގެ ޒިންމާއެއްކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދައުލަތަށް ހަމައަށް އެ ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއާޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއްކަމުގައި މި ބިލުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ވެސް މި ބިލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއާޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މައުލޫމާތާއި އެ ފަރާތްތަކުގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނުވަތަ ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ އަދަދާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ އަދަދު އަންގައިދޭ ބަޔާނެއް،މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ. އަދި، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.