މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައި ތިބި މީހުން ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް އަދި ގޯތި ލިބުނު ފަރާތްތައް ދަފްތަރުން އުނިކުރަން ނިންމައި އަދި މައިމުޅަވެފައިވާ މީހުން ދެނެގަތުމަށް އެމީހުންގެ ފަރާތުން މައުލޫމާތު ހިއްސާކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލައެވެ. އެހެންކަމުން އެންމެ އިސްކަމެއް ދީގެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.