ހާރިޖީ ބާރުތަކުން ކުރިމަތި ކުރާ އެކި ކަހަލަ ފިއްތުންތަކާއި ދޭ ހަމަލާތަކުގައި ޗައިނާއާއި އުތުރު ކޮރެއާއިން އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން އެކުގައި މަސައްކަތް ކުރަން ބައިއަތު ހިފައިފިއެވެ.

ދުނިޔޭގައި މިވަގުތު ކޮމިއުނިސްޓް، ހުދުމުހުތާރު ވެރިކަމެއް ކުރަމުން އަންނަ ބާރުގަދަ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ޗައިނާއާއި އުތުރު ކޮރެއާއާއި ދެމެދު އެކުލަވާލާފައި އޮތް އެއްބާރުލުން ދިނުމުގެ މުއާހަދާއަށް 60 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް، ދެ ގައުމުގެ އިސް ލީޑަރުން ވަނީ، އެއްބާރުލުން ދިނުމުގެ މެސެޖު ބަދަލު ކުރައްވާފައެވެ.

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުންއަށް ފޮނުއްވި މެސެޖުގައި ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނީ، ބޭރުގެ ބާރުތަކުން ކުރިމަތިކުރާ ފިއްތުންތަކުގައި، އުތުރު ކޮރެއާގެ ބަދަހި ގުޅުމަކީ ޗައިނާއަށް މުހިންމު ބާރެއް ކަމަށެވެ. ހަމަ މި މޭރުމުން ޝީ ވަނީ، ދެ ގައުމުގެ ބަދަހި ގުޅުން، އާ ހަރުފަތަކަށް ގެންދަވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފިއްތުންތަކާ ކުރިމަތިވި ކަމުގައި ވީ ނަމަވެސް، ޗައިނާއާއި އުތުރު ކޮރެއާގެ ގުޅުން ދަނީ، ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުން ކަމަށް ކިމްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

1961 ވަނަ އަހަރު، އެކުވެރިކަމުގެ އެއްބަސްވުމުގައި 2 ގައުމުން ސޮއިކުރި ފަހުން، ބައިނަލްއަގުވާމީ މައިދާނުގައި އުތުރު ކޮރެއާގެ އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ދެމި އޮތީ ޗައިނާއިންނެވެ.

އުތުރު ކޮރެއާއިން ހިންގާ ނިއުކްލިއާ ހަތިޔާރާއި ބެލިސްޓިކް މިސައިލް މަޝްރޫއުތަކާ ގުޅިގެން އުތުރު ކޮރެއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒު ކުރަމުން އަންނަ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މި ދަނޑިވަޅަކީ ވިޔަފާރިއާއި އެނޫންވެސް އެހީތަކަށް، ޗައިނާގެ ބަރޯސާވުމަށް، އުތުރު ކޮރެއާއަށް ލާޒިމު ކޮށްފައި ވާ ކަމެކެވެ.