ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރަމުން އަންނަ ބޮޑެތި ވިޔަފާރިތަކުންވެސް އިންސާފުން ޓެކްސް ދައްކާ ކަށަވަރު ކުރުމަށް، ބައިނަލްއަގުވާމީ ޓެކްސްގެ ނިޒާމު އޯވާހޯލް ކުރުމަށް އެކުލަވާލި އިސްލާހަށް، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ އިއްތިހާދު (ޖީ-20) އިން ތާއީދު ކޮށްފިއެވެ.
ބޮޑެތި ކުންފުނިތަކުން ޓެކްސްއަށް ފިލުމުގެ ސަގާފަތުގައި ސިއްކަ ޖަހާ، ހައްގު މިންވަރަށް ޓެކްސް ދައްކާކަން ކަށަވަރު ކުރުމަށް ގެންނަ އިސްލާހީ ބަދަލުގައި، ބައިނަލްއަގުވާމީ ކޯޕަރޭޓް ޓެކްސް ރޭޓުގެ އެންމެ ކުޑަ މިންވަރަކީ 15 ޕަސެންޓް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މިކަމުގެ ސީދާ އަސަރު ފޯރާނެ ކަމަށް ބެލެވޭ ކުންފުނިތަކުގެ ތެރޭގައި އެމެޒޯން އަދި ފޭސްބުކް ފަދަ ވަރުގަދަ ބްރޭންޑްތައް ހިމެނެއެވެ.
ޖީ-20ގެ މާލީ ވަޒީރުން ތާއީދު ކުރެއްވި އިސްލާހަކީ، މީގެ މަހެއްހާ ދުވަސް ކުރިން، ޖީ-7ގެ އިސްވެރިން ތާއީދު ކުރެއްވި އިސްލާހެވެ. އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 19 ގައުމާ ވިލާތުގެ އިއްތިހާދު ބައިވެރިވާ ޖީ-20 އިއްތިހާދުން، މި އިސްލާހަށް ތާއީދު ކޮށްފައި ވަނީ، އިޓަލީގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒު ކުރަމުން އަންނަ ޓެކްސްގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނެސް، ބޮޑެތި ކުންފުނިތަކުން ކޮންމެ މަންޒިލެއްގައި އޮޕަރޭޓް ކުރި ކަމުގައި ވީ ނަމަވެސް، އިންސާފުވެރި އުސޫލަކުން ހައްގު މިންވަރަށް ޓެކްސް ފައިސާ ދެއްކުމަށް މަގު ފަހި ކުރާ ގޮތަށް، ދުނިޔޭގެ ޓެކްސްގެ ނިޒާމް އޯވާހޯލް ކުރުމަށް 130 ގައުމެއްގެ އޮފިޝަލުން ތާއީދު ކުރައްވާފައެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އޯގަނައިޒޭޝަން ފޮ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވަލޮޕްމަންޓް (އޯއީސީޑީ) އިން ބުނީ، މިހާރު ރާވާފައި އޮތް ގޮތުން، ޓެކްސްގެ ގޮތުގައި އަހަރެއްގެ މައްޗަށް، 150 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.
ވިޔަފާރީގެ ދުނިޔެ ކޮންޓްރޯލް ކުރަމުން އަންނަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އަތުން ނަގާ ޓެކްސްގެ މައްސަލާގައި، ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު، މީގެ ކުރިން ވަނީ ބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ.