މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ހަމަޖައްސާފައިވާ އާއްބާސް ފާއިޒް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާ ބައްދަލު ކުރައްވައިފިއެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަމަޖެއްސި ރައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒް މިނިސްޓަރު މާރިޔާއާއި ބައްދަލުކުރައްވާފައި ވާކަން ހާމަކޮށްފައި ވަނީ ޑިފެންސް މިނިސްޓްރީންނެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ހިއްސާ ކޮށްފައެއް ނުވެއެވެ.

އައްބާސް ފާއިޒް، މާރިޔާއާ ބައްދަލު ކުރައްވާފައި މި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް 241 ކޮމެޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓު އާނމުކޮށް އެ ރިޕޯޓް މަޖިލީހުން ފާށްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ރިޕޯޓުގައި ޑިފެންސް މިނިސްޓްރީން ޖަވާބު ދާރީ ނުވާ ކަންކަމާއި މިނިސްޓަރު މާރިޔާއާ ހެއްދެވި ގޯސްތަކެއްގެ ވާހަކަތައް ވަނީ ހާމަކޮށްފައެވެ.

އެގޮތުން މެއި 4 ވަނަ ދުވަހު ހުޅުދޫ ދާއިރާގެ މެންބަރު ފޯނު ކޯލެއް މެދުވެރިކޮށް ޑިފެންސް މިނިސްޓަރަށް ދެއްވި މައުލޫމާތު އެމްއެންޑީއެފަށް ސިއްރު ކުރި ކަމަށް އެ ރިޕޯތުގައި ބުނެފައި ވެއެވެ. މެއި 3 ވަނަ ދުވަހުގެ ރޭ އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ ވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވި ކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި ރައީސް ނަޝީދުގެ އިރުޝަދާއެކު އިލްޔާސް، މާރިޔާއަށް ގުޅުއްވާފައި އެވާހަކަ ހިއްސާ ކުރައްވާފައި ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އިލްޔާސް މާރިޔާއަށް ގުޅުއްވީ މެއި 4 ވަނަ ދުވަހުގެ ހެނދުނެވެ. އަދި ގުޅުއްވާފައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު އުޅޭ ކަމަށާއި އެބަޔަކު ޓާސްކް ނެގީ 3 މިލިއަން ޑޮލަރަށް ކަމަށް އިލްޔާސް ލަބީބު ވިދާޅުވެފައި ވެއެވެ. މާރިޔާ ވަނީ އެ މައްސަލަ ފުލުހުންނަށް ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އިތުރު މައުލޫމާތެއް ލިބިވަޑައިގެންފިއްޔާ ހިއްސާ ކުރެއްވުމަށް ވެސް އިލްޔާސް ގާތުގައި މާރިޔާ އެދިވަޑައިގެންފައިވާ ކަަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އިލްޔާސް އެ ދުވަހު ދެއްވި މައުލޫމާތު މާރިޔާ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވައެވެ. އިންކުއަރީގައި މާރިޔާ ވިދާޅުވެފައި ވަނީ އެއީ "މައުލޫމާތު" އެއް ނޫން ކަމަށާއި އެއީ މައުލޫމާތެއް ކަމަށް ބެއްލެވޭނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ގޮތެއް އޮވެގެން ކަމަށެވެ. އިންކުއަރީ އިން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އެ މައުލޫމާތު ތަކަކީ މުހިއްމު މައުލޫމާތުތަކެއް ކަމަށާއި އެ މައުލޫމާތަށް ބަލައި ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް ޑިފެންސް މިނިސްޓްރީން މާޗް މަހު ތެރޭގައި ރައީސް ނަޝީދުގެ ތްރެތް ލެވެލް "ސިވިއާ" އިން "ކްރިޓިކަލް" އަސް ބަދަލު ކުރި އަސްލު ސަބަބު ވެސް ވަނީ ސިއްރު ކޮށްފައެވެ. އެ މައުލޫމާތު ކޮމިޓީގެ އިންކުއަރީއަށް ވެސް އަދި ފުލުހުންގެ ތަހުގީގަށް ވެސް އެމްއެމްޑީއެފުން ހިއްސާ ކޮށްފައެއް ނުވެއެވެ.

241 ކޮމިޓިން އާންމު ކުރި ރިޕޯޓުގައި މި މައްސަލަތައް ހުރުމުން ގިނަ ބަޔަކު އަންނަނީ ސިފައިންނާއިން ޑިފެންސް މިނިސްޓަރަށް ފާޑު ކިޔަމުންނެވެ.