ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގައި ހުންނަވަނިކޮށް ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލުމުގެ ޖަރީމާގެ ފަހަތުގައިވާ މޭސްތިރިން އަދިވެސް ހޯދިފައި ނުވާ ކަމަށް، އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހައިޓީގެ ރައީސް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން، ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ 4 މީހަކު މަރާ، އިތުރު 2 މީހަކު ހައްޔަރަށް ގެންގޮސްފައި ވީ ނަމަވެސް، މި ހަމަލާގެ އަސްލު މަގުސަދާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ތިލަވާ ގޮތެއް ނުވެއެވެ.

ބުރާސްފަތު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައިޓީ ފުލުހުންގެ އިސްވެރިޔާ ވަނީ، ޖުމުލަ 6 މީހަކު މިހާރު ހައްޔަރަށް ގެންދެވިފައި ވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެމީހުންގެ ތަފްސީލުތަކެއް އަދިވެސް ހާމައެއް ނުކުރެއެވެ.

އަވަހާރަކޮށްލާފައިވާ ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު / ފޮޓޯ: އީޕީއޭ

ރައީސް އަވަހާރަކޮށްލުމުގެ ޖަރީމާ އަމަލީ ގޮތުން ހިންގާފައި ވަނީ 28 ބިދޭސީއެއްގެ މައްޗަށް އެކުލެވޭ ހިޓް ސްކޮޑަކުން ކަމަށް ހައިޓީ ފުލުހުންގެ އިސްވެރިޔާ، ލިއޯން ޗާލްސް ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ކޮލަމްބިއާއަށް ނިސްބަތްވާ 26 މީހެއްގެ އިތުރުން އެމެރިކާ ދަރިކޮޅުގެ ބަޔަކު ހިމެނެއެވެ.

8 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށާ، ނަމަވެސް 17 މީހަކު އަދިވެސް ބެލުމުގެ ދަށަށް ނުގެނެވޭ ކަމަށް ހައިޓީގެ ފުލުހުން ބުނެއެވެ. ހައްޔަރު ނުވެ، ދޫވެފައި ވާ މީހުންގެ ތެރޭގައި އެމެރިކާ ދަރިކޮޅުގެ 2 މީހުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން 4 މީހަކު މަރާލާފައި ވަނީ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގައެވެ.

ކަން މިހެން އޮތް އިރު، އެމެރިކާއިން އެގައުމުގެ އެއްވެސް ރައްޔިތަކާ މި ހާދިސާއާ ގުޅުން އޮތް ކަން ނުވަތަ ނޫންކަން އަދި ކަށަވަރުކޮށްދެވެން ނެތް ކަމަށް ބުނެފައެވެ.

ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުންގެ އަތުން އަތުލި ބައެއް ހަތިޔާރުތައް / ފޮޓޯ: ރޮއިޓާޒް

ހައިޓީ ހިންގެވުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ވަގުތީ ބޮޑުވަޒީރު ކްލޯޑް ޔޯސެފް ވަނީ ހުރިހާ ރައްޔިތުންވެސް ހަމަޖެހިގެން ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. ނަމަވެސް އާންމުންގެ ބަޔަކު ވަނީ، އެ ގައުމުގައި ތިބި 2 ބިދޭސީއަކު އަތުލައިގަނެ، ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކޮށްފައި ކަމަށްވެސް ހަބަރު ލިބެއެވެ.

ބުދަ ދުވަހުގެ ހަމަލާގައި، ހައިޓީގެ ފަސްޓް ލޭޑީ މާރްތީން މޮއީސްވެސް ޒަހަމްވެފައި ވާ އިރު، އިތުރު ފަރުވާއަށް އެކަމަނާ ވަނީ އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލުމާ ގުޅިގެން އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން / ފޮޓޯ: އީޕީއޭ

އުމުރުފުޅުން 53 އަހަރުގައި، ރައީސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލުމުގެ ޖަރީމާގެ ފަހަތުގައިވާ މޭސްތިރިން އަދިވެސް ހޯދިފައި ނުވާ ކަމަށް، އެ ގައުމުގެ ފުލުހުން ބުނި ކަމުގައި ވީ ނަމަވެސް، މި ޖަރީމާ ހިންގާފައި ވަނީ، ހައިޓީގެ ސިޔާސީ މަސްރަހަށް ނުފޫޒުގަދަ ވިޔަފާރިވެރިންގެ ގުރޫޕަކުން ކަމަށް ކްލޯޑް ޔޯސެފް ވަނީ ތުހުމަތު ކުރައްވާފައެވެ.

ކްލޯޑް ޔޯސެފް ވިދާޅުވާ ގޮތުގައި، އަމަލީ ގޮތުން ހަމަލާ ދިނުމުގެ ކަންކަމުގައި އުޅުނީ ބޭރުގެ ބައެއް ކަމަށެވެ. އެގޮތުން ހަމަލާ ދިން މީހުން ވާހަކަ ދައްކަނީ އިނގިރޭސި އަދި ސްޕެނިޝް ބަހުން ކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފައެވެ. ހައިޓީގައި އާންމުކޮށް ވާހަކަދައްކާ އުޅެނީ ފަރަންސޭސި އަދި ކްރެއޯލް ބަހުންނެވެ.

ހޮވެނިއެލް މޮއީސްއަކީ ހައިޓީގެ ރައްޔިތުންނާއި ސިޔާސީ ބަހާގެ މެންބަރުންގެ މެދުގައި މަގުބޫލުކަން ގެއްލިފައިވާ ސިޔާސީ ޝަހްސެކެވެ. ގޭންގު ހަނގުރާމައާއި މާރާމާރީގެ ސަބަބުން އިންތިހާއަށް ނުރައްކާ މަސްރަހެއް އޮތް ހައިޓީގައި ހޮވެނިއެލް މޮއީސްގެ އިސްތިއުފާއަށްވެސް ގޮވާ މީހުން އުޅެއެވެ.

ހައިޓީގެ އަވަހާރަކޮށްލާފައި ވާ ރައީސް ހޮވެނިއެލް މޮއީސް / ފައިލް ފޮޓޯ: ސްކައިނިއުސް

ދުނިޔެ ސިއްސުވާލި ކުއްލި ހަމަލާއެއްގައި ހައިޓީގެ ރައީސް އަވަހާރަކޮށްލާފައި ވާއިރު، ހައިޓީގެ ގާނޫނު އަސާސީ ބުނާ ގޮތުގައި، ރައީސްގެ މަގާމު، ދައުރު ހަމަވުމުގެ ކުރިން ހުސްވެއްޖެ ނަމަ، ވެރިއަކަށް ހުންނަވާނީ، ސުޕްރީމް ކޯޓުގެ ރައީސްއެވެ. ނަމަވެސް، ހައިޓީގެ ސުޕްރީމް ކޯޓުގެ ރައީސްވެސް ދާދި ފަހުން ވަނީ އަވަހާރަވެފައެވެ. އޭނާ އަވަހާރަވީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާލާސްކަންފުޅުގައެވެ.

އޭގެ ފަހުން ގާނޫނު އިސްލާހުކޮށް، ރައީސްކަމުގެ ފުރުއްވާނީ ބޮޑުވަޒީރު ކަމުގައި ކަނޑައެޅިއެވެ. ހައިޓީގެ ބޮޑުވަޒީރަކީ އޭރިއަލް ހެންރީ ކަމުގައި ކަނޑައެޅީ ނިމިގެން މިދިޔަ ހަފުތާގެ ތެރޭގައެވެ. ނަމަވެސް އޭނާ އަދި މަގާމުގެ ހުވާ ކުރައްވާފައެއް ނުވެއެވެ.

މިވަގުތު އެ ގައުމުގެ ވެރިއަކަށް ހުންނެވީ އޭނާ ކަމަށް، ވަގުތީ ބޮޑުވަޒީރު ކްލޯޑް ޔޯސެފް ވިދާޅުވާއިރު، ވެރިކަން ލިބެން ޖެހޭނެ މީހަކީ އެނާ ކަމަށް އޭރިއަލް ހެންރީ ގެންދަވަނީ ވިދާޅުވަމުންނެވެ. މިކަމާ ގުޅިގެން ކްލޯޑް ޔޯސެފް ވަނީ، އޭރިއަލް ހެންރީގެ ބަޔާނާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށާ، އެފަދަ ކަންކަން ދޫކޮށް، ހައިޓީ ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުފައެވެ.

ކަން މިހެން އޮތް އިރު، އދއިން ވަނީ ކްލޯޑް ޔޯސެފް އަށް ތާއީދުގެ އިޝާރާތެއް ކޮށްފައެވެ. އެގޮތުން އދއިން ހައިޓީއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ހެލެން ލާ ލީމޭ ވަނީ، މި އަހަރު އިންތިހާބު ބޭއްވެންދެން، ހައިޓީގެ އިސްވެރިޔާގެ މަގާމުގައި ކްލޯޑް ޔޯސެފް ހުންނަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލުމާ ގުޅިގެން އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން / ފޮޓޯ: ރޮއިޓާޒް

އެމެރިކާއިންވަނީ މިއަހަރު ހައިޓީގައި އިންތިހާބު އޮންނަންޖެހޭ ކަމަށާ، ސުލްހަވެރި ކަމާއެކު ބާރުތައް ހަވާލު ކުރުމުގެ މަސައްކަތުގައި އެމެރިކާއިން އެހީވާނެ ކަމަށް ބުނެފައެވެ.

ކްލޯޑް ޔޯސެފް ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހައިޓީގެ ރައީސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގި ޓީމުގެ މެންބަރުން ހަރަކާތްތެރިވީ އެމެރިކާގެ ޑްރަގް އޭޖެންޓުންނަށް ހެދިގެންނެވެ. ނަމަވެސް ރައީސް ދިރިއުޅުއްވަމުން ގެންދެވި ގެކޮޅަށް، އެމީހުންނަށް ވަދެވުނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ހަމަލާގެ ސީންގައި ރައީސް ހޮވެނިއެލް މޮއީސް އަވަހާރަވި އިރު، ހަށިކޮޅުގެ 12 ތަނަކަށް ވަޒަން އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސްގެ 3 ބޭފުޅުންވެސް މިވަގުތު ތިއްބެވީ ރައްކާތެރި ތަނެއްގައި ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.