ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ދެ ދުވަސް ކުރިން ހުޅުދޫދާއިރާގެ މެންބަރު ފޯނު ކޯލެއް މެދުވެރިކޮށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީއަށް ދެއްވި މައުލޫމާތު އެމްއެންޑީއެފަށް ސިއްރު ކުރި ކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައި ވަނީ މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުގައެވެ. މިއަދު އާންމު ކުރި އެ ރިޕޯޓުގައި ބުނެފައި ވަނީ، މެއި 3 ވަނަ ދުވަހުގެ ރޭ އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ ވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިރުޝަދާއެކު އިލްޔާސް ވަނީ މާރިޔާއަށް ގުޅުއްވާފައި އެވާހަކަ ހިއްސާ ކުރައްވާފައި ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

"އިލްޔާސް ލަބީބު ވިދާޅުވީ، ތިން މިލިއަން ޑޮލަރު ދީގެން ރައީސް މުހައްމަދު ނަޝީދު މަރާލަން އުޅޭކަމުގެ ވާހަކައެއް ތިމަންނަ ކައިރީގައި މީހަކު ބުންޏޭ. ދެން އަޅުގަނޑު ދެންނެވީ، ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެކޭ. އެހެންވީމާ، ފުލުހުންނާ ތި ވާހަކަ ހިއްސާ ކުރައްވާށޭ. އެ ނިމުނީ. ގިނައިރަކު ދެއްކެވި ވާހަކައެއް ނޫން. ހަމަ ވަރަށް ސިމްޕަލްކޮށް މިހެން ވިދާޅުވެފައި ދެން ބޭއްވެވީ"
މާރިޔާ އަހުްމަދު ދީދީ

އެކަމަށް މާރިޔާ އަދި އިލްޔާސް ވެސް އެއްބަސްވެވަޑައިގެން ކަަމަށް އެ ރިޕޯޓުގައި ބުނެއެވެ. އިލްޔާސް މާރިޔާއަށް ގުޅުއްވީ މެއި 4 ވަނަ ދުވަހުގެ ހެނދުނެވެ. އަދި ގުޅުއްވާފައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު އުޅޭ ކަމަށާއި އެބަޔަކު ޓާސްކް ނެގީ 3 މިލިއަން ޑޮލަރަށް ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ. މާރިޔާ ވަނީ އެ މައްސަލަ ފުލުހުންނަށް ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އިތުރު މައުލޫމާތެއް ލިބިވަޑައިގެންފިއްޔާ ހިއްސާ ކުރެއްވުމަށް ވެސް އިލްޔާސް ގާތުގައި މާރިޔާ އެދިވަޑައިގެންފައިވާ ކަަމަށް އެ ރިޕޯޓުގައި ބުނެއެވެ.

ނަމަވެސް އިލްޔާސް ދެއްވި މައުލޫމާތު މާރިޔާ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ހަމަ އެފަދައިން ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްގެ ފަރާތުން އިންކުއަރީގައި ބުނެފައި ވަނީ އެއިން އެއްވެސް ފަރާތަކާ މިނިސްޓަރު އެ ވާހަކަ ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.

އިންކުއަރީގައި މާރިޔާ ވިދާޅުވެފައި ވަނީ އެއީ "މައުލޫމާތު" އެއް ނޫން ކަމަށާއި އެއީ މައުލޫމާތެއް ކަމަށް ބެއްލެވޭނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ގޮތެއް އޮވެގެން ކަމަށެވެ. ނަމަވެސް އިންކުއަރީ އިން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އެ މައުލޫމާތު ތަކަކީ މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެ މައުލޫމާތަށް ބަލައި ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އިތުރަށް މާރިޔާ ވިދާލުވެފައި ވަނީ މޭ 4 ވަނަ ދުވަހު ލިބިވަޑައިގެންނެވި މައުލޫމާތަށް ފަހު އެމްއެންޑީއެފްގެ ފަރާތްތަކާ ބައްދަލުކުރައްވައި ރައީސް ނަޝީދުގެ ސެކިއުރިޓީ ޗެކް ކުރެއްވި ކަމަށާއި ސެކިއުރިޓީ ލެވެލް މަތިކޮށްފައި އޮތުމުން އެ ވާހަކަ ހިއްސާ ނުކުރެއްވީ ކަމަށެވެ.

ރިޕޯޓުގައި ބުނެފައި ވަނީ އެ މައުލުމާތު ހިއްސާ ކުރެއްވި ނަމަ ރައީސް ނަޝީދުގެ ބޮޑީގާޑުންނަށް އެ މައުލޫމާތު ހިއްސާ ކޮށް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މެއި 6، 2021 ގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މެއި 7 ވަނަ ދުވަހު ބަނޑޭރި ކޮށީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މާރިޔާ ވިދާޅުވެފައި ވަނީ މީހުން ބިރުގަންނަވައިގެން އުޅެން އެއްވެސް ފުރުސަތެއް ނުދެއްވާނެ (ހަމަލަ ދިން މީހުންނަށް) ކަމަށެވެ. އެކަން އެގޮތަށް ވިޔަނުދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސިފައިން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އެ ނުރައްކާތެރި ހަމަލާ ދިން މީހުން ހޯދާ އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ސިފައިންނާއި ފުލުހުންނާއި މުޅި ރައްޔިތުން ތެދުވަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.