ވަކި ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް މާފް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 40 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް މެންބަރަކު ވޯޓު ދެއްވިއެވެ.
ވަކި ވިޔަފާރި މަޝްރޫއުތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އިތުރު ކޮށްފައިވާ މާއްދާގައި ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެން ކަމަށް އެ ބިލުގައި ވެއެވެ. އަދި އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރު ކުރަން ޖެހެއެވެ. އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓް ކުރާނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގައިވާ ޓެކްސް ނެގުން ހާއްސަ އިސްތިސްނާއެއް ދެވޭ ބާބުގައި ޓެކްސް ނެގުން އިސްތިސްނާވާ އިތުރު އާމްދަނީތަކެއް ހިމަނަން އެ ބިލުގައި ހިމަނާފައި ވެއެވެ. އަދި ރައީސްއާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅާއި ކާރުކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާނެ މުވައްޒަފުންގެ މުސާރައާއި ކާރުކޮޅުގެ ޑްރައިވަރުގެ މުސާރަ ވެސް އެ ބިލުގައި ހިމަނާފައި ވެއެވެ. ހަމައެއާއެކު ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ކާރުކޮޅާއި ގެކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައާއި ޑްރައިވަރު މުސާރަ ވެސް ވަނީ ހިމަނާފައެވެ.
އެހެންކަމުން މި މުސާރަތަކުންނާއި އިނާޔަތްތަކުން ޓެކްސްއެއް ދެން ނުނަގާނެއެވެ.
މި ބިލުގެ އިތުރުން ތަފާސް ހިސާބުތަކުގެ އިދާރާ އުފެއްދުމުގެ ބިލާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް މަޖިލީހުން މިއަދު ވަނީ ފާސް ކޮށްފައެވެ.