ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކޮށް މިއަދު ހުޅުވައިފިއެވެ.
ބީއެމްއެލްއިން ބުނީ އެ ޕާކުގައި ސްކޭޓް ކުރާނެ ބަޔަކާ ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއް ވެސް ހިމަނާފައިވާ ކަމަށެވެ.
އެ ޕްރޮޖެކްޓް ގެ އަމާޒަކީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސް ވަގުތުގައި އާ ހުނަރެއް ދަސްކޮށްދިނުމާއި އެކުވެރި މާހައުލެއް ގާއިމްކޮށް ހެލިފެލިވެ އުޅުން އިތުރު ކުރުމަށް ބާރުއެޅުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ އެ ރަށުގައި ރާޅާއެޅުމަކީ މައްޝޫރު ކަމަކަށްވާއިރު އެ ރަށުގެ ކުދި ބޮޑު އެންމެންނަށް ވެސް އެ ޕާކު ބޭނުންކޮށްގެން ރާޅާއެޅުމުގެ ހުނަރު ދަސްކުރެވޭނެެ ކަމަށެވެ. އެއީ ސްކޭޓްކުރުމާ ރާޅާއެޅުމުގައި އެއް ހުނަރު ތަކާއި ވިސްނުން ބަހައްޓަންޖެހޭ ކަންކަން އެއްގޮތްވުމުން ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
އޭގެ އިތުރުން ހުވަދު އޮތޮޅުގައި ފަތުރުވެރިކަން ތަރައްގީވަމުން އަންނަ ހިނދު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ހުޅުވިގެންދާނެެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ހެޓްގެ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ތަފާތު ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.