ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މަގުތަކަކީ ކުލަ ބޮކިތަކާ ސްކްރީންތަކުން ތާ އަބަދުމެ ވިދާ ބަބުޅަމުން އަން ސިޓީއެއް ކަމީ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ހަގީގަތެއް ނޫނެވެ. ޓެކްނޮލޮޖީގެ ދުނިޔޭގައި ޖަޕާނުން ހޯދަމުން އަންނަ ކުރިއެރުންތަކާ، އާންމުން އާޝޯހް ކުރުވުމަށް އެގައުމުގެ ފަންނުވެރިން ކުރަމުން އަންނަ އާދަޔާ ހިލާފު މަސައްކަތަތަކީ، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަންވެސް ހޯދާ މަސައްކަތްތަކެކެވެ.

މި ފަހަރުވެސް އެފަދަ ވާހަކައެކެވެ. އޮލިމްޕިކްސް ކުޅިވަރު މުބާރަތަށް އެންމެ ފޯރީގައި ޖަޕާނުން ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި، ޓޯކިޔޯގެ ޝިންޖުކޫ ޑިސްޓްރިކްޓްގެ ހަތަރު އަނގޮޅިއެއް ފަޅުވާލަދޭން އަރާ އޮތީ ފިސާރި ބޮޑު ބުޅަލެކެވެ.

ތްރީޑީ އަދި ފޯކޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައި ވާ މި ބުޅަލުގެ ބޮޑު މިނުގައި، 1664 އަކަފޫޓު ހުރެއެވެ. ވީހާވެސް އަސްލާ އެއްގޮތް ކުރުވުމަށް، އަޑުވެސް އަޅާފައި ހުރެއެވެ.

މި ބޮޑުބުޅަލަކީ ބިލްބޯޑެއް ކަމަކު، މި ބުޅަލުގެ މަންޒަރުތައް ހިމަނައިގެން ސޯޝަލް މީޑިއާއަށް ދޫކުރާ ޕޯސްޓުތަކަށްވެސް ބޮޑު މަގުބޫލުކަމެއް ލިބެއެވެ. އެގޮތުން ބައެއް ޕޯސްޓްތަކަށް އެތައް ސަތޭކަ ހާސް ލައިކެއް ލިބޭއިރު، ރީޓުވީޓްތަކުގެ އަދަދުވެސް ހާހުން ގުނާލެވެއެވެ.

މި މަޝްރޫއުގެ ފަހަތުގައި ހަރަކާތްތެއރިވާ ކްރޮސް ސްޕޭސް އިން ވަނީ، ބުޅަލުގެ މަންޒަރުތައް 24 ގަޑިއިރު ފެންނަ ލައިވް ފީޑެއް ޔޫޓިއުބަށް ދޫކޮށްފައެވެ. މިއާއެކު، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް މިމަންޒަރުތައް ބަލާލުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް މި އާދަޔާ ހިލާފު ބިލްބޯލްޑް، ރަސްމީކޮށް ލޯންޗް ކުރާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މި ބޮޑުބުޅަލާ ބެހޭ އިތުރު މައުލޫމާތާއި ސިއްރުތަކެއް، އެ ދުވަހު އެނގިގެން ދާނެ ކަމަށް ބެލެވެއެވެ.