ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައި އޮތް ތިން ބިލަކަށް، އެމްޑީޕީ މެންބަރުން ނެތި ކޯރަމް ނުލިބިގެން ވޯޓަކަށް ނޭހުނެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އޮތް ތިން ބިލަކީ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފޮނުވި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލާއި އިގުތިސާދީ ކޮމިޓީން ފޮނުވި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ފޮނުވި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލުތަަކަށް ވޯޓަށް އަހަން ހަމަޖައްސާފައި އޮތް ގަޑިއަކީ 11:30 އެވެ.

މި ބިލުތަކަށް ވޯޓަށް އެއްސެވުމަށް އިއުލާނުކުރައްވަމުން މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ފާހަގަކުރެއްވި ގޮތުގައި މި ބިލުތަކަށް ވޯޓަށް އެހުމަށް ޖުމްލަ 44 މެންބަރުން ތިއްބަވަން ޖެހެއެވެ. ނަމަވެސް ވޯޓަށް އެއްސެވުމުގެ ވަގުތު ޖެހުނު އިރު މަޖިލީހުގެ ތަޅުމުގައި ވަޑައިގެން ތިއްބެވީ 39 މެންބަރުންނެވެ.

ބިލްތަކުގެ ވޯޓުގައި ބައިވެރި ނުވާ އެމްޑީޕީގެ 14 މެންބަރުން ހިމެނެއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް ރިޔާސަތުން އިއުލާނުކުރެއްވި ނަމަވެސް ޖަލްސާ އޮންނާނެ ވަގުތު އިއުލާނު ކުރައްވާނީ ފަހުން ކަމަށްވެސް ރިޔާސަތުން އެންގެވިއެވެ.