އިޖްތިމާއީ މައްސަލަތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ސޯޝަލް އެތިކްސް ކޮމިޓީއާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ މުޖުތަމައުގައި ހުރި ނޭދެވޭ އާދަކާދަތައް ނައްތާލައި، މުޖުތަމައުގައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް ހިންގޭނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ސޯޝަލް އެތިކްސް ކޮމިޓީއާއެކު ނައިބު ރައީސް ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ވާ ކަމަށެވެ.

އެ މަޝްވަރާގައި ސްކޫލު ތެރެ އާއި ސްކޫލުން ބޭރުން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގޭނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން އެ ބޭފުޅުން ވާހަކަ ދެއްކެވިއެވެ.

ނައިބު ރައީސް ވިދާޅުވީ ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ.

އެހެންވެ، ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ރަނގަޅުކުރުމަށް ސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް އެއްބާރުލުންދީ މަސައްކަތް ކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ އެދިވަޑައިގަތުމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސްކޫލްތައް މެދުވެރިކޮށް ކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ރީތި އަދަބާއި އަހުލާގު އަދި ހަމަތަކާއި އުސޫލުތައް ކުދިންގެ ގައިގައި އަށަގެނުވުމަށް ކުރެވިދާނެ ކަންކަމާއި ހިންގާނެ ހަރަކާތްތަކާ ގުޅޭގޮތުންނެވެ.