ނުރައްކާތެރި އެޗްއައިވީ އެއިޑްސްގެ ފުރަތަމަ ކޭސް ރިޕޯޓް ކުރިތާ 40 އަހަރު ފަހުން، އެ ވައިރަހުން ދިފާއު ވާން ބޭނުން ކުރާނެ ވެކްސިނެއް ތަހުލީލު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތަހުލީލުގެ ފުރަތަމަ މަރުހަލާ ފަށާފައި ވަނީ އިނގިރޭސިވިލާތުގައެވެ. އެގޮތުން، އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާ ޓީމުން ވަނީ، ތަޖުރިބާ ވެކްސިންގެ ފުރަތަމަ ޑޯޒްތައް، ވޮލަންޓިއަރުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ފަށާފައެވެ.

އޮކްސްފޯޑް ޔުނިވާސިޓީއިން މައުލޫމާތު ދޭ ގޮތުގައި، މި މަރުހަލާގައި ބަލަމުންދާނީ ވެކްސިންގެ ރައްކާތެރިކަމާ، އިންސާނުންގެ ހަށިގަނޑުން އެ ވެކްސިން ތަހައްމަލު ކުރާ ގޮތުގެ އިތުރުން އިމިއުނޯޖެނެސިޓީ ނުވަތަ ސެލްތަކުން ދިފާއު އުފައްދަނިވި ގޮތެވެ.

އެޗްއައިވީ-ކޯ0052 ގެ ނަން ދީފައި ވާ މި ދިރާސާއަކީ، ޔޫރަޕިއަން އެއިޑްސް ވެކްސިން އިނިޝިއޭޓިވްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ދިރާސާގައި އެޗްއައިވީ ނެގެޓިވް 12 މީހަކު ބައިވެރިކުރާއިރު، އެއީ އުމުރުން 18 އަހަރާއި 65 އަހަރުގެ މީހުންނެވެ. އަދި އެމީހުންނަކީ އިންފެކްޝަންގެ ނުރައްކާ ކުޑަ މީހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

"މޮޒެއިކް"ގެ ނަމުން ވަނަން ދެވިފައިވާ މި ވެކްސިނަކީ، އެޗްއައިވީ-1ގެ އެކި ސްޓްރެއިންތަކާ ދެކޮޅަށް އަމާޒު ހިފާފައިވާ ވެކްސިނެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެޗްއައިވީއަކީ، ވައިރަހުގެ އަސަރު ކުރާތާ ކުރީކޮޅު އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާ ކުރަނިވި އެއިޑްސް ބަލި ޖައްސާ ވައިރަހެވެ.

2014 ވަނަ އަހަރު އދއިން ވަނީ، 2020 ވަނަ އަހަރު އަންނައިރު، މި ވައިރަހަށް އަލަށް އިންފެކްޓް ވާ މީހުންގެ އަދަދު 500000 އަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މިދިޔަ އަހަރު އެކަނިވެސް، މި ބައްޔަށް އަލަށް އިންފެކްޓިވި 1.5 މިލިއަނެއްހާ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެއިޑްސް ބަލި ރަސްމީ ފެންވަރުގައި އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޖޫން 5، 1981 ގައި އެމެރިކާއިންނެވެ. އެ ފަހަރު އެމެރިކާއިން ވަނީ މި ބަލީގެ 5 ކޭހެއް ރެކޯޑް ކޮށްފައެވެ.