އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރާ މޯދީގެ ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ގެނެސް، މެންބަރުންގެ އަދަދު އިތުރު ކުރަން އުޅޭ ކަމުގެ ހަބަރު ލިބިއްޖެއެވެ.

މޯދީގެ ވަޒީރުންގެ މަޖިލީހަށް އާ މަގާމުތަކެއް އިތުރުކޮށް، ވަޒީރުންގެ އަދަދު އިތުރު ކުރުމުގެ ވާހަކަތައް ފެންމަތި ވެފައި މި ވަނީ، ސްޓޭޓް އިންތިހާބުތަކަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. ސްޓޭޓް އިލެކްޝަންތައް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރަށެވެ.

2019 ވަނަ އަހަރު ބޮޑުވަޒީރު ކަމުގެ 2 ވަނަ ދައުރާ ހަވާލުވެވަޑައިގެންނެވި ފަހުން މޯދީގެ ކެބިނެޓަށް ގެންނަ ފުރަތަމަ ބަދަލުގައި، ބައެއް ވަޒީރުންގެ މައްސޫލިއްޔަތުތައް ބަދަލު ވާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން، ކެންޑިޑޭޓުންގެ އިދާރީ ތަޖުރިބާއަށް ހާއްސަ އިސްކަމެއް ދެއްވައިގެން، މޯދީ، އޭނާގެ ކެބިނެޓް އަލުން ތަރުތީބު ކުރައްވާނެ ކަމަށް ހަބަރު ލިބެއެވެ.

މޯދީގެ ކެބިނެޓުގައި މިހާރުވެސް 52 ވަޒީރަކު ތިއްބަވާއިރު، އަލަށް ގެންނަ ބަދަލާއެކު، މި އަދަދު 81 އަށް އިތުރު ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މޯދީގެ ކެބިނެޓަށް އަންނަ ބަދަލު، އާންމުންނަށް އެނގޭވަރު ވާނީ، މިއަދު އިންޑިއާ ގަޑިން، ހަވީރު 18:00 ގައެވެ.

އާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަންހެން ވަޒީރުންގެ އަދަދު އިތުރު ވާނެ ކަމަށް، އިންޑިއާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގެ ސަރުކާރަކީ، ދިވެހިރާއްޖެއާއެކު އެކި ރޮނގުތަކުން ބަދަހި ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ސަރުކާރެކެވެ.