ބައިނަލްއަގުވާމީ ބާޒާރުގައި މެމޮރީ ޗިޕް ނުވަތަ މެމޮރީ ކާޑު ލިބުން ދަތިވެފައި ވާ މި ދަނޑިވަޅުގައި، ޓެކްނޮލޮޖީ ބިޔަ ކުންފުނި، ސަމްސަންގް އިލެކްޓްރޯނިކްސްގެ 3 މަސްދުވަހުގެ ފައިދާ، 52 ޕަސެންޓް އިތުރު ވާނެ ކަމަށް އެ ކުންފުނިން ލަފާ ކޮށްފިއެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި މެމޮރީ ޗިޕާއި ސްމާޓްފޯން ނެރެމުން އަންނަ ސަމްސަންގެ ކުންފުނިން ވަނީ ޖޫން މަހު ނިންމާލި މިއަހަރުގެ 2 ވަނަ 3 މަސް ދުވަހުގެ ތެރޭގައި، އެކުންފުންޏަށް ފައިދާގެ ގޮތުގައި 11 ބިލިއަން ޑޮލަރު ލިބިފައި ވާނެ ކަމަށް ލަފާ ކޮށްފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކުރީކޮޅު ނުވަތަ މީގެ އަހަރެްއހާ ދުވަސް ކުރިއަށް ބަލާއިރު، ސަމްސަންގް ކުންފުނީގެ ފޯނާއި ޓީވީ ފަދަ ޑިވައިސްތަކުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނަމަވެސް އޭގެ ފަހުން، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިއުލާން ކުރި ލޮކްޑައުންގެ އަމުރުތަކާއެކު، ގެތަކުގައި މީހުން ބަންދުވެ، އޮންލައިން ޕްލެޓްފޯމަށް އާންމު ހާލަތު ބަދަލު ކުރަން ޖެހުމާއެކު، ސަމްސަންގްގެ އުފެއްދުންތަކުގެ ޑިމާންޑް މެކުހަށް ޖަހާ، ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރުމުގައި ގޮންޖެހުންތައް ކުރިމަތިވިއެވެ.

މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ސަމްސަންގްއަށް ލިބުނު ފައިދާ ކަށަވަރު ވާނީ މި ހިނގާ ޖުލައި މަހުގެ ފަހުކޮޅުގައެވެ. ލަފާ ކޮށްފައި ވާ މިންވަރަށް ސަމްސަންގްއަށް ފައިދާ ވެއްޖެނަމަ، ފާއިތުވީ 3 މަސްދުވަސް ވެގެން ދާނީ، 2018 ވަނަ އަހަރަށްފަހު ސަމްސަންގް ކުންފުންޏަށް އެންމެ ކާމިޔާބު 3 މަސްދުވަހަށެވެ.