"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައި އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ހުސްކުރަން ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ބުނީ ބްރިޖުގެ އަމަލީ މަސައްކަތް ކުރާއިރު މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައި ވަނީ، އިންޑަސްޓްރިއަލް ވިލެޖު ކަމަށެވެ. އަދި މާލެއަށް އެ ބްރިޖު ގުޅާލަނީ ވެސް އިންޑަސްޓްރިއަލް ވިލެޖުން ކަމަށާއި އެ ކަމަށް އެ ސަރަހައްދުގެ ބޮޑު ބައެއް ބޭނުންކުރަން ހަމަޖައްސާފައި ވާތީ، ވަގުތީގޮތުން ދޫކޮށްފައިވާ ބިންތައް ހުސްކުރަން ފަށަފައިވާ ކަމަށެވެ.

އެގޮތުން ވަކި ފަރާތަކާ ހަވާލުނުކުރާ ބިންތަކާއި މަގުތަކުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގައި މި މަސް ނިމުމުގެ ކުރިން އެ ސަރަހައްދު ހުސްކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީން އަންގާފައި ވެއެވެ. އަދި މިސް ނިމުމުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެ ކަމަށާއި މިކަމުގައި އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖު ހަދަނީ އިންޑިއާގެ ކުންފުންޏަކުން ކަމުގައިވީ ނަމަވެސް ރަސްމީކޮށް އަދި އެ މަޝްރޫއު އަދި ބަޔަކާ ހަވާލެެއް ނުކުރެއެވެ.