ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލަށް ތާއީދު ނުކުރައްވާނެކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ 09 މެންބަރަކު ބަޔާނެއް ނެރުއްވައިފިއެވެ.
މި ބަޔާން ނެރުއްވާފައި ވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ސޮއިކުރައްވައެވެ.
މެންބަރުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށް ކަށަވަރު ކޮށްދީފައި ވާ އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާނެ ގޮތެއްގެ މަތިން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނުލްއުގޫބާތު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މެެދުގައި ބައެއް މީހުން އުފައްދަމުންދާ ނަފުރަތުގެ އަމަލުތަކަކީ ހުއްޓުވަން ޖެހޭ އަމަލުތަކެއް ކަމަށް އެ މެންބަރުންވެސް ގަބޫލުކުރައްވާ ކަމަށާ އަދި ނަފްރަތުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ލިބިފައިވާ ކަަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މެންބަރުންގެ ބަޔާނުގައި ވިދާޅުވީ އެ ބިލް މަޖިލީހަށް ހުށައަޅާ އޭގެ ފަހަށް ޖުޑީޝަރީ ކޮމެޓީން ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު އެއީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް އޮތް ހައްލަކަށް ވުމުގެ ބަދަލުގައި އެ ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލިގޮސް ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
އިސްލާމްދީނުގެ އަސްލުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި ގުޅޭ މިފަދަ ބިލްތަކަކީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ދީނީ އިލްމުވެރިން އަދި ކަމާގުޅުންހުރި އެހެނިހެން ބޭފުޅުންގެ މަޝްވަރާ އާއި ލަފަޔާއެކު ޑްރާފްޓް ކޮށް ފާސްކުރަން ޖެހޭ ބިލުތަކެއް ކަަމަށްވެސް ބުނެފައިވެއެވެ.