ތަށިމުށި ކަފަން ބޭނުން ކުރާ ގްރެންޑަރެއްގެ ބުރެއް ފަޅައިގެން ގޮސް ކަރުގައި ޖެހި ށ. ކަނޑިތީމު މީހަކު ޒަހަމްވެއްޖެއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ ރޭ ގާތްގަނޑަކަށް 9:30 ހާއިރު ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 47 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކަރުގައި ބުރުން ޖެހުމުގެ ސަބަބުން ކަރުން ކަފައިގެން ދިއައީ ކިހާތަކެއް ކަން ވިދާޅުވާން ދަތިވި ނަމަވެސް ފުދޭވަރަކަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

މިކަން ހިނގާފައި ވަނީ މުށިޖަހަން ވެގެން މުށި ކަފަން އުޅުމުގެ ތެރޭގައި ގްރޭޑްޑަރުގައި ހަރުކޮށްފައިވާ ދަގަނޑު ބުރު ފަޅައިގެން ގޮސް ކަރުގައި ޖެހިގެންނެވެ.

ޒަހަމްވީ މީހާއަށް އެ ވަގުތު ކަނޑިތީމު ސިއްހީ މަރުކަޒުގައި ފަރުވާދީފައި ވެއެވެ.

އޭގެ ފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ހަނިމާދޫ މަގުން މިހާރުވަނީ މާލެ ފޮނުވާލާފައެވެ.