ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާ، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ބައެއް ތަކެތި މިއަދު ރަސްމީކޮށް ހަވާލްކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެތަކެތި މިނިސްޓްރީ އޮފް ހެލްތާއި ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު ކަމަށެވެ.
މިއަދު ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިންއާއި، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް 6 މޮޓޯސައިކަލް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ވެސް ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރި ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިންއާއިއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.
ހަމައެހެންމެ ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ހާއްސަކޮށް ކޮވިޑަށްބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިންއާއި، ޓެސްޓްކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ފޯރުކޮށްދެމުންދާ ކަމަށާއި އިމާޖެންސީ ސިއްހީ ހިދުމަތްދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސް ވެސް އެޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.