އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމްއެވެ.

އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 45 މެންބަރުންގެ ތެރެއިން 44 ވޯޓުގެ އަޣުލަބިއްޔަތުންނެވެ.

ބިލް ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މިހާރު އަމަލުކުރަމުންދާ "އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނެއް ކަމަށްވެފާ، އެ ގާނޫނުގެ ދަށުން ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައިނުވާތީ ކަމަށެވެ.

އެ ބިލް ހުށަހަޅާ މަގްސަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި "ޑުއިން ބިޒްނަސް" ފަސޭހަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށްވެފާ، ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ، އެހެނިހެން އާލާތްތައް ތައާރަފްވުމާއެކު މި އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދިއުމާއި ސްޓޭމްޕް ޕްރިންޓުކުރުމަށް ހަރަދުތަކެއް ހިނގާތީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމެވެ.