ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކޮށްފައި ވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އިރު 2 މެންބަރުން ވަކި ގޮތަކަށް ވޯޓެއް ނުދެއްވައެވެ.

ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެއާޕޯޓުން ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަމުން އަންނަނީ 25 ޑޮލަރެވެ.

ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ޑިޕާޗާ ޓެކްސްއާ އެއްގޮތަށް އަދަދުތަކަށް ބަދަލު ގެނައުމަށް ވަނީ ހިމަނާފައެވެ.

އެގޮތުން އެއާާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ.

ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގަން ނިންމާފައިވާ އިރު، ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ނެގުމަށް ވަނީ ހިމަނާފައެވެ.