ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ހަރުއަޑުން ކުށްވެރިކުރާ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީ އިން ބުނީ ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ އެ ޕާޓީ އިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށާއި، އެ ފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއް ކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރު ދީ، އަދި ހިތްވަރުދޭ ފަރާތްތަކާ މެދު އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގާ، ކުށްވެރީންނަށް ހައްގު އަދަބު ދިނުން މުހިއްމު ކަމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.

ދާދިފަހުން ކާކުކަން ނޭނގޭ ގޮތަށް "ރޯޔަލް ހަސަން ތަކުރު" ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" ބޭނުންވާ ކަމަށެވެ.

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެފައި ވަނީ، އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާއިން އަރައިގަންނަ ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެދިފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުހައްމަދު އިނާދު އަކީ އެމްޑީޕީގެ އެކްޓްވިސްޓެކެވެ.

އިނާދުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބަލާ މުހައްމަދު އިނާދު އެ ޕާޓީން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފަައެވެ.