ގދ.ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލު ނުވެ ފެތުރެމުންދާތީ 24 ގަޑިއިރު ކާފިއު ހިންގަން ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ ތިނަދޫގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ރަށުގެ ހާލަތު ރަގަނޅުނުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާ ކަމަށެވެ.

އެހެން ކަމުން ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި 14 ދުވަހުގެ ނިޔަލަށް ރަށުގެ ކާފިއު ވަގުތު 24 ގަޑިއިރަށް ބަދަލުކޮށްފާ އޮތްނަމަވެސް ތިނަދޫގައި ބަލި ފެތުރުން ހިފެހެއްޓިފައި ނުވާތީ، މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަތަށް އަނެއްކާ ވެސް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި އިއްޔެ ބޭއްވި ތިނަދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމުން ކުރިން ކޮށްފައިވާ އިއުލާނަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި ބަދަލުތައް:

  • ކޮންމެ ގެއަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓް އެއް ހަފްތާގެ މުއްދަތަށް ކެންސަލްކުރުން.
  • ކަސްރަތު ކުރުމަށް ކުރިން ދީފައިވާ ގަޑިތައް ހުއްޓާލުން.
  • އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ސަރުކާރު އިދާރާތަކުން ދޭ ޒަރޫރީ ބޭނުންތަކަށް އޮފީސްތަކަށް ދާންޖެހޭ އެންމެ މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުމަތްދިނުން.
  • އަމިއްލަ ކާރުތަކުގެ ދަތުރުތައް ހުއްޓާލުން.
  • ފުލުހުން ދޭ ޓައިމް ބައުންޑް ޕާމިޓް ނެތް ފަރާތްތަކަށް ޓެކްސީގެ ހިދުމަތްދޭ ކާރުތަކުން ހިދުމަތް ނުދިނުން. އަދި އެފަދަ ހުއްދަ ނެތި ހިދުމަތް ދޭ ޓެކްސީތަކުގެ ހުއްދަ އެއް ހަފްތާ މުއްދަތަށް ހިފެހެއްޓުން.
  • ފިހާރަތަތަކުގެ ހިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 09:00 އަށް ޑެލިވަރީއަށް ބަދަލުކުރުމާއި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދިނުން ހުއްޓާލުން. އަދި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދޭ ތަންތަނުގެ ހުއްދަތައް އެއް ހަފްތާ މުއްދަތަށް ހިފަހެއްޓުން. އަދި ޑެލިވަރީ ގަޑިތައް ފިޔަވާ އެހެން ގަޑިތަކުގައި ޑެލިވަރީ ފާސް ބޭނުންކޮށްގެން ބޭރުގައި އުޅޭ ފަރާތްތަކުގެ ފާސްތައް ކެންސަލް ކުރުން.
  • ހޮޓާ އަދި ރެސްޓޯރަންޓް ތަކުގެ ހިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީއަށް ބަދަލުކުރުމާއި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދިނުން ހުއްޓާލުން. އަދި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދޭ ތަންތަނުގެ ހުއްދަތައް އެއް ހަފްތާ މުއްދަތަށް ހިފަހެއްޓުން. އަދި ޑެލިވަރީ ގަޑިތައް ފިޔަވާ އެހެން ގަޑިތަކުގައި ޑެލިވަރީ ފާސް ބޭނުންކޮށްގެން ބޭރުގައި އުޅޭ ފަރާތްތަކުގެ ފާސްތައް ކެންސަލް ކުރުން.
  • ކަނޑު މަސްވެރިކަން ކުރާ ދޯނިފަހަރުތައް މަހަށް ފުރުމަށްފަހު އެބުރި ރަށަށްއައި ނަމަވެސް ރަށަށް ނުފޭބުން. އަދި އެނޫން މަސްވެރިކަން އެއް ހަފްތާ މުއްދަތަށް ހުއްޓާލުން.
  • ސަރުކާރުން ހުއްދަ ދީފައިނުވާ އެންމެހާ މަސައްކަތްތައް 1 (އެކެއް) ހަފްތާ މުއްދަތަށް ހުއްޓާލުން.

ކައުންސިލުން ބުނީ ތިނަދޫއަށް ދިމާވެފައިވާ ކޮވިޑް-19ގެ މި ހާލަތުން އަރައިގަތުމަށް އާންމުންގެ އެއްބާރުލުން މިހާރަށް ވުރެބޮޑަށް ބޭނުންވާ ކަމަށެވެ. އަދި އެޗްޕީއޭއާ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބާ ކިޔަމަންތެރިވުމަށް ކައުންސިލުން ވަނީ އަންގާފައެވެ.