ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހިގެން ދިއުމުގެ ސަބަބުން، ދުނިޔޭގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީއަށް 4 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު ހީނަރުކަމެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު، އދގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) އިން ދީފިއެވެ.

ޔޫއެންސީޓީއޭޑީއިން އާންމު ކުރި "ކޮވިޑް-19 އެންޑް ޓުއަރިޒަމް އޭން އަޕްޑޭޓް އެސެސިންގް ދި އިކޮނޮމިކް ކޮންސިކުއަންސަސް" ބުނާ ގޮތުގައި، 2020 އަދި 2021 ވަނަ އަހަރު، ދުނިޔޭގެ ޖީޑީޕީއަށް އަންނާނެ ކަމަށް ލަފާ ކުރާ ހީނަރު ކަމަކީ، ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމުގެ ސީދާ އަސަރުތައް ކަން ފާހަގަ ކޮށްފައިވެއެވެ. އަދި ފަތުރުވެރިކަމާ ގުޅިފައިވާ ސިނާއަތްތަކަށް ފޯރި އަސަރުވެސް މިކަމުގައި ހިއްސާ ވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ އިދާރާ (ޔޫއެންޑަބްލިއުޓީއޯ) އާ ގުޅިގެން ޔޫއެންސީޓީއޭޑީއިން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، ފަތުރުވެރި ކަމާ، އެ ސިނާއަތާ ގުޅިފައިވާ އިތުރު ދާއިރާތަކަށް، ކޮވިޑް-19ގެ ސަބަބުން ފޯރި ސީދާ އަދި ނުސީދާ އަސަރުތަކުގެ ސަބަބުން، 2.4 ޓްރިލިއަން ޑޮލަރުގެ ހީނަރު ކަމެއް ވަނީ އައިސްފައެވެ.

މި އަހަރުވެސް އެފަދަ ހީނަރު ކަމެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެމުން އދއިން ވަނީ، މިކަމަށް ބަދަލެއް އަންނާތީ ފެނުން ގުޅިފައި ވަނީ، ކޮވިޑް-19ގެ ވެކްސިންނާ ގުޅޭ ކަންކަން ބައިނަލްއަގުވާމީ ފެންވަރުގައި ހިނގާ ގޮތެއްގެ މައްޗަށް ކަމަށް އިންޒާރު ކޮށްފައެވެ.