މެއި 8، 2005 ވަނަ ދުވަހުން ފަށާއިގެން ފަލަސްތީނުގެ ރައީސް ކަމުގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ މަހްމޫދު އައްބާސްގެ އިސްތިއުފާއަށް ގޮވާލާ، އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވެގެން ފަލަސްތީނުގެ ބިންތަކުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ވަރުގަދަ ކޮށްފިއެވެ.

އައްބާސްގެ އިސްތިއުފާއަށް ގޮވާލާ، ފަލަސްތީނުގައި މުޒާހަރާތައް ކުރަން ފެށީ، ފަލަސްތީނުގެ މައި ސަރުކާރު ނުވަތަ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން ދިޔަ އެކްޓިވިސްޓް، ނިޒާރު ބަނަތު، ޕީއޭގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ވަނިކޮށް މަރުވި ހާދިސާއާ ގުޅިގެންނެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިންވެސް ފަލަސްތީނުގައި މިފަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު، އެ މުޒާހަރާތައް ރޫޅާލީ ފުލުހުންގެ އިތުރުން، ކުލަ ހެދުމުގައި ތިބި ގުރޫޕުތަކަކުން ބާރުގެ ބޭނުން ކޮށްގެންނެވެ. މިއާއެކު، އެމެރިކާއާއި އދގެ ފާދަ ބާރުތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ކަން މިހެން އޮތް ނަމަވެސް، އިއްޔެގެ މުޒާހަރާތަކުގައި މިފަދަ ހަމަނުޖެހުމެއް ހިނގި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

ޕީއޭ އުފެދުނީ 1990ގެ އަހަރުތަކުގެ ތެރޭގައި، ފަލަސްތީނުގެ ސުލްހައަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް، ދުވަސްތައް ފާއިތުވި ވަމުން ދިޔަ ވަރަކަށް، ޕީއޭގެ މަގުބޫލުކަން، ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ވަނީ ފަނޑުވެފައެވެ.

15 އަހަރު ދުވަހަށް ފަހު މިދިޔަ އޭޕްރިލް މަހު ފަލަސްތީނުގައި ފުރަތަމަ ފަހަރަށް އިންތިހާބެއް ކުރިއަށް ގެންދަން ތާވަލު ކުރި ކަމުގައި ވީ ނަމަވެސް، އައްބާސް ވަނީ އެ ފަހަރުގެ އިންތިހާބު ކެންސަލް ކުރައްވާފައެވެ. އައްބާސްގެ މި ނިންމެވުމަކީ، ފަތަހަ ޕާޓީއަށް ނާކާމިޔާބު ވެދާނެ ކަމުގެ ބިރަށްޓަކާ ނިންމެވި ނިންމެވުމެއް ކަމަށް އަޑު ފެތުރިފައި ވެއެވެ.

ފަލަސްތީނުގެ ރައްޔިތުން ބުނަމުން ދަނީ، ރައްޔިތުން ބޭނުން ވަނީ ސިޔާސީ އިސްލާހެއް ކަމަށާ، އެ ބަދަލަކީ، ރައްޔިތުންގެ މަސްލަހަތު ރަމްޒުވާ ފަދަ އިސްލާހަކަށް ވާންޖެހޭ ކަމަށެވެ.

ފަލަސްތީނުގެ ބައެއް ރައްޔިތުން ސިފަކުރާ ގޮތުގައި ޕީއޭއަކީ، އިޒްރޭލުން ހިންގާ އިސްތިއުމާރީ ބާރުގެ ސަބްކޮންޓްރެކްޓަރެކެވެ. 4 އަހަރުގެ ވެރިކަމުގެ ދައުރަކަށް 2005 ވަނަ އަހަރު އިންތިހާބު ކުރެވުނު އައްބާސްއަކީ، ސަލާމަތާ ގުޅުން ހުރި ކަންކަމުގައި އިޒްރޭލާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް، އައްބާސްއަށް ފާޑުކިއާ ފަރާތްތަކުން ބުނެއެވެ.