ސްޕެއިންގެ ގައުމީ އެއާލައިން "އައިބީރިއާ" އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ އައިބީރިއާގެ ފުރަތަމަ ފްލައިޓް ޖައްސާފައެވެ. އެ ފްލައިޓުން ވަނީ ސްޕެއިން އިން 218 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ބުނީ، އޯގަސްޓް މަސް ނިމުމާ ހަމައަށް އައިބީރިއާ އިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ. އެ އެއާލައިނުގެ ފްލައިޓު ރާއްޖޭގައި ޖައްސާނީ ހޯމަ, ބުދަ އަދި ހުކުރު ދުވަހު ކަމަށާއި އެނބުރި ސްޕެއިން އަށް ދިއުމަށް ރާއްޖެއިން ފުރާނީ ހޯމަ، ބުދަ, އަދި ހުކުރު ދުވަހު ކަަމަށް އެމްއޭސީއެލުން ބުނެއެވެ.
އައިބީރިއާއިން ބުނީ، ރާއްޖެއަކީ މި އަހަރުގެ ހޫނު މޫސުމުގައި އެ އެއާލައިނަށް ލިބުނު ވަރަށް މުހިންމު މަންޒިލެއް ކަމަށެވެ.
އައިބީރިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅިގެން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ވަނީ އެ އެއާލައިނަށް މަރުހަބާ ވިދާޅުވެފައެވެ. ހަމައެއާއެކު ރާއްޖޭގެ ފަތުރުވެއިކަން މާކެޓު ކުރާ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، އައިބީރިއާ އިން ރާއްޖެއަށް ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ދެކުނު ޔޫރަޕާ އިތުރަށް ގުޅައިދިން ކަމުގެ ރަމްޒެއް ކަމަށެވެ. އައިބީރިއާއިން ރާއްޖެއަށް ކުރާ އިތުބާރަކީ, ރާއްޖެއަކީ މިވަގުތު ދަތުރުކުރަން އެންމެ ރައްކާތެރި އެއް މާހައުލުކަން އިންޑަސްޓްރީން ގަބޫލުކުރާ ކަމުގެ އިތުރު މިސާލެއް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
އައިބީރިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް A330-300 އަދި A330-200 މަރުކާގެ އެއާކްރާފްޓެވެ. އަދި އައިބީރިއާގެ މި އެއާކްރާފްޓުތަކުގައި އިކޮނޮމީ, ޕްރީމިއަމް އިކޮނޮމީ އަދި ބިޒްނަސް ކްލާސް ކެބިންތައް ހުރެއެވެ.
މިއީ އައިބީރިއާ އެއާލައިންގެ ފްލައިޓްތައް ތާރީހުގައި ވެސް ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ. އަދި ރާއްޖެއަކީ އެ އެއާލައިނުން ދަތުރު ކުރާ އިންޑިއާ ކަނޑުގެ ހަމައެކަނި މަންޒިލެވެ.