މާދަމާ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން އާންމުންނަށް ހިދުމަތް ދިނުމަށް ހުޅުވާލާ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނީ މާދަމާއިން ފެށިގެން ބީއެމްގެ ބްރާންޗްތަކާއި ސާވިސް ޗެންޓަރުތައް ހުޅުވާލަން ނިންމާފައިވާ އިރު، އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އާ ދެމެދު ހުޅުވާފައި ހުންނާނެ ކަމަށެވެ. އެގޮތުން އެތަންތަނުން ދެމުން ދާނީ އޮންލައިން އަދި ސެލްފްސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަމަށް ބީއެމްއެލުން ބުނެއެވެ.

ބޭންކުގެ ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ.

ބީއެމްއެލްގެ އެކައުންޓް އޯޕަނިން ސެންޓަރާއި، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް ބީޢެމްއެލުން ބުނެއެވެ. ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެ އެވެ.

ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ހެނދުނު 11:00ގެ ކުރިން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރަން ފޮނުވާ ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކާއި ލޯކަލް ބޭންކް ޓްރާންސްފާ އަދި މުސާރަ ޖަމާކޮށްދޭން ފޮނުވާ ރިކުއެސްޓްތަކުގެ ތެރެއިން މެންދުރު 12:00ގެ ކުރިން ފޮނުވާ ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19ގެ މި ހާލަތުގައި ހުރިހާ ކަސްޓަމަރުން ވެސް ގޭގައި ތިބެގެން އޮންލައިންކޮށް ހިދުމަތް ހޯދުމަށް އެދިފަ އެވެ.