އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފިއެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އަދިވެސް އޮތުމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.

އަދި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ.

މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި 16 ވަނަ ފަހަރެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފައި ވަނީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުންނެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 483 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 60،317 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 165 މީހަކު މަރުވެފައެވެ.

މި މަހު ކޮވިޑް ކޭސްތައް މިވަނީ މިދިޔަ މެއި މަހާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. މި މަހު ކޭސްތައް ދަށަށް ގޮސްފައި ވާތީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ވަނީ ނިންމާފައެވެ.