ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒު ކުރަމުން އަންނަ ޓެކްސްގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނެސް، ބޮޑެތި ކުންފުނިތަކުން ކޮންމެ މަންޒިލެއްގައި އޮޕަރޭޓް ކުރި ކަމުގައި ވީ ނަމަވެސް، އިންސާފުވެރި އުސޫލަކުން ހައްގު މިންވަރަށް ޓެކްސް ފައިސާ ދެއްކުމަށް މަގު ފަހި ކުރާ ގޮތަށް، ދުނިޔޭގެ ޓެކްސްގެ ނިޒާމް އޯވާހޯލް ކުރުމަށް 130 ގައުމެއްގެ އޮފިޝަލުން ތާއީދު ކުރައްވައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އޯގަނައިޒޭޝަން ފޮ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވަލޮޕްމަންޓް (އޯއީސީޑީ) އިން ބުނީ، ކޯޕަރޭޓް ޓެކްސްގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ މިންވަރަކީ 15 ޕަސެންޓް ކަމުގައި ކަނޑައެޅުމަށް ނެގޯޝިއޭޓަރުން ރުހުން ދެއްވާފައި ވާ ކަމަށެވެ.
އެމެރިކާގެ ޓެރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވީ، މި ދުވަހަކީ، އިގުތިސޯދީ ޑިޕްލޮމަސީއަށް ތާރީހީ ދުވަހެއް ކަމަށެވެ.
ދުނިޔޭގެ ޓެކްސްގެ ނިޒާމް އޯވާހޯލް ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އޯއީސީޑީ އިން ބުނީ، މިހާރު ރާވާފައި އޮތް ގޮތުން، ޓެކްސްގެ ގޮތުގައި އަހަރެއްގެ މައްޗަށް، 150 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.
ކޯޕަރޭޓް ޓެކްސްގެ ގޮތުގައި ކުޑަ މިންވަރެއް ނަގަމުން އަންނަ އަޔަލަންޑްއާއި ހަންގޭރީ ފަދަ ގައުމުތަކުން މި ޕްލޭނަށް ރުހުން ދީފައި ނުވި ނަމަވެސް، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ އިއްތިހާދު (ޖީ-20)ގެ ހުރިހާ ގައުމަކުން މިކަން ބަލައިގެންފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ވިޔަފާރީގެ ދުނިޔެ ކޮންޓްރޯލް ކުރަމުން އަންނަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އަތުނ ނަގާ ޓެކްސްގެ މައްސަލާގައި، ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު، މީގެ ކުރިން ވަނީ ބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ.
އެމެރިކާގެ ރައީސް، ޖޯ ބައިޑަންގެ ސަރުކާރުން ދަނީ، އެމެރިކާގައި ކޯޕަރޭޓް ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ރޭޓް، 21 ޕަސެންޓުން 28 ޕަސެންޓަށް އިތުރު ކުރުމަށް ބާރު އަޅަމުންނެވެ.