އެންމެ ކުރިއަރާފައިވާ ގައުމުތަކަށްވެސް އަދާ ޖެހުނުއިރުވެސް މުޅިން ކޮންޓްރޯލް ކުރެވިފައި ނުވާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ރާޅެއް، ވިލާތުގެ ގައުމުތަކުގެ ކުރިމަތިވެދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

މި ދަނޑިވަޅަކީ، ވިލާތުގައިވެސް ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ ދަނޑިވަޅެކެވެ. އެގޮތުން 2 މަހެއް ދުވަހު ކޭސް ނަމްބަރުތައް ދަށަށް ދިއުމަށް ފަހު، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޭސް ރިޕޯޓް ކުރި މިންވަރު، 10 ޕަސެންޓް އިތުރު ވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ޑަބްލިއުއެޗްއޯއިން ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަރަހައްދީ ޑައިރެކްޓާ ހާންސް ކްލޫގޭ ވިދާޅުވީ، ނުރައްކާ ބޮޑުވެފައި ވަނީ ކޮވިޑް ވެކްސިން ފޯރުކޮށްދެވޭ ދުވެލި މަޑުޖެހިފައި އޮތުމުގެ އިތުރުން، އިޖުތިމާއީ އެއްވުންތައް ގިނަ ވުމުގެ ސަބަބުން ކަމަށެވެ.

އަދި މިހާރު ކުރިއަށް ދާ "ޔޫރޯ 2020" ފުޓުބޯޅަ މުބާރާތަކީ، ކޮވިޑް-19ގެ ސުޕާސްޕްރެޑާ ނުވަތަ އެއްތަނަކުން ގިނަ ބަލިޖައްސާ މައިދާނަކަށް ވެދާނެ ކަމުގެ ނުރައްކާވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މުބާރާތް ކުރިއަށް ދާ މައިދާންތަކުން އެނބުރި އަންނަ ގިނަ އަދަދެއްގެ ސަޕޯޓަރުން މިހާރުވެސް ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުން ކަމަށް ހަބަރު ލިބެއެވެ.

ޑަބްލިއުއެޗްއޯގެ އެމާޖެންސީ އޮފިސަރު، ކެތަރީން ސްމޯލްވުޑް ވަނީ، ފޭނުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް، ހޮސްޓް ސިޓީ ނުވަތަ މުބާރާތް ބާއްވާ ސިޓީތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ.

މުބާރާތް އިންތިޒާމް ކުރާ ޔުއެފާ އަކީ، ޒިންމާދާރުކަން ކުޑަ ޖަމިއްޔާއެއްކަމަށް، ޖަރުމަނުވިލާތުގެ ދާހިލީ ވަޒީރު، ހޯސްޓް ސީއޮފާ ވަނީ ވިދާޅުވެފައެވެ.

ވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. ވިލާތުގެ އިއްތިހާދުގެ ބަލިތައް ކޮންޓްރޯލް ކުރުމާ ބެހޭ އިދާރާ (އީސީޑީސީ) އިން ލަފާ ކުރާ ގޮތުގައި، ކުރިއަށް އޮތް އޯގަސްޓް މަސް ނިމޭއިރު، އެ ސަރަހައްދުން ފެންނަ ކޮވިޑް ކޭސްތަކުގެ 90 ޕަސެންޓް ހިއްސާ ކުރާނީ ޑެލްޓާ ވޭރިއަންޓްއެވެ.