އެންޓާޓިކާ ބައްރު ނުވަތަ ދުނިޔޭގެ އެންމެ ދެކުނު ތަނޑިއަށްވެސް ރެކޯޑް މިންވަރަކަށް މޫސުމީ ފިނިހޫނުމިން މައްޗަށް ގޮސްފައި ވާ ކަމަށް އދ އިން ކަށަވަރު ކޮށްދީފިއެވެ.

އެގޮތުން، އެންޓާޓިކާ ސަރަހައްދުގެ ފިނިހޫނު މިން، 18.3 ޑިގްރީ ސެލްސިއަސްއަށް އަރާފައި ވާކަމަށް، ރެކޯޑް ކޮށްފައި ވާ ކަމަށް އދ އިން ބުނެއެވެ.

އދގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، އެންޓާޓިކާއިން 18.3 ޑިގްރީ ސެލްސިއަސްގެ ރީޑިންގްއެއް ރެކޯޑް ކޮށްފައި ވަނީ، އެ ސަރަހައްދުގައި އާޖެންޓީނާއިން ހިންގާ ދިރާސާ މަރުކަޒުންނެވެ. މި ރީޑިންގް ރެކޯޑް ކޮށްފައި ވަނީ ފެބުރުއަރީ 6، 2020 ވަނަ ދުވަހު ކަމަށްވެސް މޫސުމާ ބެހޭ އދގެ އިދާރާއިން މައުލޫމާތު ދެއެވެ.

އެންޓާޓިކާ ބައްރަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބަލާއިރު، އެންމެ ހަލުވި ދުވެލީގައި ފިނިހޫނު މިން މަތިވަމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި ގުނާލެވޭ ސަރަހައްދެކެވެ. ފާއިތުވީ ބައި ގަރުނަށް ބަލާއިރު، އެ ސަރަހައްދުގެ ފިނިހޫނު މިން 3 ޑިގްރީ ސެލްސިއަސް އުފުލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެންޓާޓިކާގެ ފިނިހޫނު މިން، 20.75 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް ބްރެޒިލް އިން ފެތުރި ހަބަރު، އދގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ދޮގު ކޮށްފައެވެ. އެންޓާޓިކާ ސަރަހައްދުން މިހާތަނަށް، ކަށަވަރު ކުރެވިފައި ވާ އެންމެ މަތީ މިންވަރަކަށް ފިނިހޫނު މިން ރެކޯޑް ކޮށްފައި ވަނީ މާޗް 24، 2015 ގައެވެ. އެ ދުވަހު، އެ ސަރަހައްދުގެ ފިނިހޫނު މިން، 17.5 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް ހަބަރު ލިބެއެވެ.