ސަރުކާރުން މިހާރު ތައާރަފު ކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ އެންމެ މަތީ އަދަދު 700,000 އަށް ވުރެ ބޮޑު ކުރަން ވިސްނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި އޮންލައިން ބައްދަލުކުރެއްވުމުގައެވެ. ރައީސް ވިދާޅުވީ ސަރުކާރުން ހިންގަން ހަމަޖެހިފައިވާަ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫއުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީފަދަ، ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވައި ހާއްސަކޮށް މިހާރު ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ލޯނަކީ އޭގެ ސަބަބުން ކުޅުދުއްފުށީ ސިޓީއަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެ ލޯނު ސްކީމެއް ކަމަށް އެ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު އާތިފް އެ ބައްދަލުވުމުގައި ފާހަގަ ކުރެއްވިއެވެ. އަދި މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިން ޔުނިޓެއްގެ މަސައްކަތް އަލުން މިސަރުކާރުން ވަނީ ފަށާފައެވެ. މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިން ޔުނިޓެއްގެ ފިނިޝިންގެ މަސައްކަތްތައް ވެސް މި ސަރުކާރުން ވަނީ ނިންމާފައެވެ.