މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު އެ މަގާމުން ވަކިކުރުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އިޔާޒް އަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ޑރ. އިޔާޒުގެ ބައެއް ފިގްހު ރައުޔާ އޭނާއަށް އެއްބަސްވެ ވަޑައިނުގެންނެވުނަސް ޑރ. އިޔާޒާ މެދު އެމްއެންޔޫއިން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން ދީނީ ހިލާފްތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަން ކަމާއެކު އިލްމީގޮތުން ރީތި އަހްލާގާއެކު ބަހުސްކޮށް ހައްލު ހޯދެން ވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ޔުނިޔާސިޓީއިން އެދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ނިންމުން މުރާޖާ ކުރުމަށް ވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.

ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފައި މިވަނީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދޭ ކަމަށް ބުނެ އިޔާޒު ކުރެއްވި ޓްވީޓެއްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަމުން ދަނިކޮށެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަންކަން އިސްލާހު ނުކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.