ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 511 ކެންޑިޑޭޓުން ކުރިމަތިލާފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސާވިސް އެންމެ އިސް ވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ގާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ކުރިމަތިލުމަށް ޖޫން 20، 2021 ގައި އާންމުކޮށްއެ މަގާމުތަކަށް 511 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.

އެ ގޮތުން ޖޫން 28، 2021 ގެ ނިޔަލަށް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސުންގަޑިހަމަވި އިރު، ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 54 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.

އޭގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ މަގާމަށް 86 އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 371 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ވެސް ސީއެސްސީން ވަނީ ބުނެފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ.

ސީއެސްސީން ބުނީ ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގާ ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށެވެ.