އެސްޓީއޯ ކޮންސްޓްރަކްޝަން އޭޖެންޓަކަށް ވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން އެސްޓީ އޯއިން މި ދިން ފުރުސަތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ކުރިމަތި ލެވޭނެއެވެ. އަދި ކޮންސްޓްރަކްޝަންގެ ވިޔަފާރި ނުކުރާ ފަރާތްތަކަށްވެސް މި ފުރުސަތުގެ ބޭނުން ހިފިދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން އޭޖެންޓަކަށް ވުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި އަދި ކޮންމެ ރަށެއްގައިވެސް އެސްޓީއޯގެ މުދާ ވިއްކުމުގައި ހަރަކާތްތެރިވެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން އޭޖެންޓަކަށް ވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ޑައުންލޯޑުކޮށް ފުރުމަށްފަހު އެ ކުންފުނީގެ އީމެއިލް ގެ ޒަރީއާއިން ފޯމު ހުށައެޅޭނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ އެސްޓީއޯގެ ކޮންސްޓްރަކްޝަން ހޮޓްލައިން ނަންބަރ 7203233 އަށް ގުޅައިގެން މައުލޫމާތު ހޯދޭނެއެވެ.