ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު "ރަސްޓް ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓު" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަން ނިންމައިފައިވާކަމަށް މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

ޖުލައި 8، 2021 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް ތާވަލުކޮށްފައިވާ މި ސަމިޓު އިންތިޒާމުކުރަނީ ބަންގްލަދޭޝް ސަރުކާރުންނެވެ. އަދި މި ފޯރަމް އިފްތިތާހުކޮށްދެއްވަނީ އެގައުމުގެ ބޮޑުވަޒީރު އަދި ކްލައިމެޓް ވަލްޏަރަބަލް ފޯރަމްގެ ޗެއާ ޝެއިހް ހަސީނާއެވެ.

މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިޒާމީ ގޮތެއްގައި އެންމެ ލޮޅުން އެރުން ބޮޑު އިގްތިސާދުތަކުގެ މެދުގައި ބާއްވާ ފުރަތަމަ ސަމިޓެވެ.

މި ސަމިޓުގެ ފައުންޑިން ޗެއާ އަދި ތީމެޓިކް އެންބެސެޑާ ފޯ އެންބިޝަން، ރައީސް ނަޝީދު ވާހަކަފުޅުދައްކަން ހަމަޖެހިފައިވަނީ އެ ސަމިޓުގެ ވެރިންގެ ބައްދަލުވުމުގައި ކޯ-ޗެއާއެއްގެ ހައިސިއްޔަތުންނެވެ.

މި ސަމިޓުގެ މަގްސަދަކީ ސްކޮޓްލަންޑުގެ ގްލަސްގޯވްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުން – ކޮޕް26 ގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު ލޮޅުން އިގްތިސާދީ އަރާނެ ގައުމުތައް ކޮޕް 26ގައި އެންމެ ބާރު އަޅާންވީ ހަމަތަކާއި، ސިޔާސަތުތަކާއި، ހިޔާލުތަކުގެ މައްޗަށް މަޝްވަރާ ބަދަލުކޮށް، އެއްގަލަކަށް އަރައި، އެއްބަސްވެވޭނެ ގޮތްތަކެއްގެ މައްޗަށް އަލިކުރުމެވެ.

މި ސަމިޓުގެ އެންމެ މަތީ ފެންވަރުގެ ވަށްމޭޒު ބައްދަލުވުމުގައި ވަލްނަރަބަލް 20 ގްރޫޕް (ވީ20) ގެ 48 މެންބަރު ގައުމުގެ އެންމެ އިސްވެރިންގެ އިތުރުން އެ ގައުމުތަކުގެ ފައިނޭންސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޖީ7 އާ ޖީ20 ގައުމުތަކުގެ މަންދޫބުންނާ ބައިނަލްއަގުވާމީ މާލީ އަދި ތަރައްގީގެ ޖަމިއްޔާ ޖަމާއަތްތައްވެސް މި ސަމިޓުގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ.