މުޅި ދުނިޔޭގެ ކޮންޓްރޯލް މުށު ތެރެއަށް ލުމަށް މަސައްކަތް ކުރަމުން އަންނަ ޗައިނާގައި ހުދުމުހުތާރު ވެރިކަމެއް ކުރަމުން އަންނަ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުން، ކުލަ ގޮތެއްގައި ފާހަގަ ކުރަން ފަށައިފިއެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުމުގެ ގޮތުން ކުރިއަށް ގެންދަ ރަސްމީ ހަރަކާތްތައް މިއަދު ހެނދުނުގެ ވަގުތެއްގައި ފަށާފައި ވާއިރު، މި ހަރަކާތްތަކަކީ އެ ޕާޓިގެ ޕްރޮޕަގަންޑާ އިވެންޓެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަ ކުރެއެވެ.

ޓިއަނަމަން މައިދާނުގައި ރަސްމީ އިހުތިފާލުތައް ފަށާފައި ވާއިރު، އެ މައިދާނަށް ހާޒިރު ވުމުގެ ފުރުސަތު ދީފައި ވަނީ، ހާއްސަ ވެއިޓިންގް މަރުހަލާއެއްގެ ތެރެއިންނެވެ. މި ހަރަކާތުގައި، ޗައިނާގެ ނުފޫޒުގަދަ ރައީސް، ޝީ ޖީންޕިންގްވެސް ބައިވެރިވެވަޑައިގަތެވެ.

70000 އެއްހާ މީހުން ބައިވެރިވި މި ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުން ޝީ ވަނީ، އެހެން ގައުމުތަކަށް، ޗައިނާ "ބުލީ" ނުވަތަ ގަނާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ. އަދި ޗައިނާއަކީ އެއްވެސް ގައުމެއް ބުލީ ކުރާނެ ގައުމެއް ނޫން ކަމަށްވެސް ޝީ ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުމާ ދިމާކޮށް ހަރުކޮށްފައިވާ ގިިޑިގެއެއް / ފޮޓޯ: ނިއްކޭ އޭޝިއާ

ޗައިނާއަކީ އަދުލު އިންސާފު ދަމަހައްޓާނެ ގައުމެއް ކަމަށާ، ބޭރުގެ ބާރުތަކުން ދައްކާ ބިރަކަށް، ޗައިނާ ނުސިހޭނެ ކަމަށްވެސް ޝީ ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ، އިންސާނީ ހައްގުތަކުގެ މައްސަލާގައި ޗައިނާއާ ދެކޮޅަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން ދާ ދަނޑިވަޅަކަށް ވާއިރު، މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޝީ ވަނީ، ޗައިނާގެ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކާ، އެ ގައުމުގެ އަސްކަރީ ބާރުވެރިކަން ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުގެ މެސެޖު، ބައިނަލްއަގުވާމީ މުޖުތަމައަށް ދެއްވާފައެވެ.

މީގެ ގަރުނެއް ކުރިން، 1921 ވަނަ އަހަރު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އުފެދި، އެ ގައުމުގެ ކޮންޓްރޯލް ނެގީ ދިގު ދެމިގެން ދިޔަ ދާހިލީ ހަނގުރާމައަކަށް ފަހު، މީގެ 72 އަހަރު ދުވަސް ކުރިންނެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ކުޑަކުއްޖަކު ބައިވެރިވަނީ / ފޮޓޯ: ގެޓީ އިމޭޖަޒް

ކޮމިއުނިސްޓް ޕާޓިގެ ދިގު މާޒީ ދައްކުވާދޭ ސިލްސިލާ އިވެންޓްތައް ޗައިނާގައި ކުރިއަށް ގެންދިޔަ ނަމަވެސް، ބައެއް މުޒާހަރާތަކާ، ޑިމޮކްރަސީއަށް ގޮވާލާ، ހިންގި ގިނަ ހަރަކާތްތަކެއް، ތާރީހުގެ ތަމްސީލުތަކުން އުނިކޮށްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޗައިނާގެ ސިނަމާތަކުގައިވެސް އެ ގައުމަށް ހާއްސަ، ގައުމީ ވަންތަ ފިލްމުތައް އެޅުވުމަށް ވަނީ އަމުރެއް ނެރެފައެވެ. މީގެ އިތުރުން މުޅި އަހަރު ދުވަހަށް ހާއްސަކޮށް، ޗައިނާގެ ފަހްރު ދައްކުވާދޭ 100 ޓީވީ ޑްރާމާ ދެއްކުމަށްވެސް ވަނީ ތާވަލު ކޮށްފައެވެ. އަދި ޗައިނާގެ ކާމިޔާބީތައް ފާހަގަ ވާނޭ ހެން ތައްޔާރުކޮށްފައިވާ ހާއްސަ ލަވައެއްވެސް ވަނީ ތައާރަފުކޮށްފައެވެ. 100 ޕަސެންޓްގެ ނަމުން ނަން ދީފައިވާ މި ލަވާގައި، ރެޕްކުރާ 100 ފަންނުވެރިއަކު ފެނިގެންދެއެވެ.