ތާރީހު ދެކެފައި ނުވާ މިންވަރަކަށް ކެނެޑާގެ މޫސުމީ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، އެ ގައުމުން ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުން ފަށައިގެން މިހާތަނަށް، ކުއްލި ގޮތަކަށް 70 މީހެއްގެ ފުރާނަ ގެއްލިގެން، ބްރިޓިޝް ކޮލަމްބިއާގެ ފުލުހުން، އެކަމަށް އެޓެންޑް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ، ދޮށީ އުމުރުގެ މީހުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފަށް ހޫނު ގަދަވުމާ، މަރުގެ ކޭސްތަކާ ގުޅުމެއް ވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހުވެސް ބްރިޓިޝް ކޮލަމްބިއާ ސަރަހައްދުގެ ފިނިހޫނު މިން ވަނީ، 49.5 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މީގެ ކުރިން، ކެނެޑާގެ ފިނިހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އެރި ކަމަށް، ރެކޯޑް ކޮށްފައެއް ނުވެއެވެ.

އެންވާރަމަންޓް ކެނެޑާއިން ވަނީ އެގައުމުގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނު ގަދަވާނެ ކަމުގެ އިންޒާރު ދީފައެވެ.

ކެނެޑާގެ އިތުރުން އެމެރިކާއަށްވެސް އާދަޔާ ހިލާފަށް ހޫނު ގަދަވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ. އެގޮތުން ޕޯޓްލަންޑް އަދި ސިއޭޓަލްގެ ފިނިހޫނުމިން، 1940 އަހަރުތަކުގެ ތެރޭގައި ފިނިހޫނުމިން ރެކޯޑް ކުރަން ފެށިފަހުން ނުދާހާ މައްޗަށް ގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕޯޓްލަންޑްގެ މޫސުމީ ފިނިހޫނުމިން 46.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު، ސިއޭޓަލްގެ ފިނިހޫނުމިން 42.2 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.