އަންނަ އަހަރުން ޖެނުއަރީ 1 އިން ފެށިގެން އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް އިއްޔެ މަޖިލީހުގެ މުޅި ކޮމިޓީން ނިންމި ނިންމުމާމެދު ދެވަނަ ވިސްނުންފުޅަކަށް ދާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ސަރުކާރުގެ ފަރާތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުށަހެޅުއްވި އިސްލާހު އިއްޔެ މަޖިލީހުގެ މުޅި ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ, އޭރު ބިލު ހުށަހެޅުއްވީ 2020 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ކަމަށާއި އަދި ބިލު ހުށަހެޅުއްވީ އިރު އޮތް ކޮވިޑްގެ ހާލަތު ނެތް އިރު, މިހާރު އިތުރަށް އެ ޓެކްސް ނަގާ ތާރީހާމެދު ވިސްނަން ޖެހޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުުވުމުގައި އެކަމާ ގުޅޭ ގޮތުން އިކޮނިމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ, އެ ތާރީހާމެދު ވިސްނާލުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ޓޫރިސްޓު އެރަވައިލްއަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ކޮންމެ ދިވެއެސެއްގެ އަތުން، ދަތުރުކުރަނީ އިކޮނޮމިކް ކްލާސްގައި ކަމަށްވާނަމަ މިހާރުވެސް ނަގަމުންދާ ގޮތަށް 12 ޑޮލަރު ނަގާނެއެވެ. އަދި ފަސްޓް ކުލާހުން ދަތުރުކުރާނަމަ 90 ޑޮލަރު އަދި ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ 60 ޑޮލަރު ނަގާނެއެވެ. ބިޒްނަސް އަދި ފަސްޓް ކްލާހުން ދަތުރުކުރާ ބިދޭސީން އަތުންވެސް ނަގާނީ އެ މިންވަރެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގަން ވަނީ ހުށަހަޅައިފައެވެ.

ރައީސް އިތުރަށް ވިދާޅުވީ, އެ ބިލު ފާސް ކުރުމުގެ ކުރިން އެކަމާ މެދު ވިސްނާވަޑައިގަންނަވާ, ކޮމިޓީއާއި މަޖިލީހާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.