މުރުތައްދުވެއްޖެ ނަމަ ކާފަރެކޭ ބުނެވޭ ގޮތަށް ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަދަލު ގެނެސް އިސްލާހު ކުރަން ހުށަހަޅައިފިއެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަދަލުތަކެއް ގެނެސް މީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުން މަނާ ނުވާނެ ހާާލަތެއް އޮންނަ ގޮތަށް، ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން މިއަދު ފާސްްްކޮށްފިއެވެ.

ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށްޓަކައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލަށް އިސްލާހުތައް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ޑްރާފްޓެއް ހުށަހަޅުއްވައި ފައެވެ.

މި ޑްރާފްޓްއަކީ އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކާއި އިސްލާމިކް މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވި ހިޔާލުތަކަށް ރިއާޔަތްކޮށް އިންތި ތައްޔާރު ކުރި ބިލުގެ އިސްލާހުތައް ގެނެސްފައިވާ ޑްރާފްޓްއެކެވެ.

މީގެ އިތުރުން ބިލާ ގުޅިގެން އިތުރު ކަންކަން މެންބަރުން ހުށަހަޅުއްވަން ބޭނުންވާނަމަ އެ ކަމެއް ހުށަހެޅުއްވުން ވެސް އެހެން ދުވަހަކު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.