ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ސަރުކާރުގެ ފަރާތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެ އިސްލާހު ހުށަހެޅުއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓު ޗާޖު (އޭޑީސީ) ގެ ގޮތުގައި 12 ޑޮލަރު އަދި އެއާޕޯޓުގެ ސާވިސް ޗާޖުގެ ގޮތުގައި 12 ޑޮލަރު ނަގައެވެ. އަދި އެއާޕޯޓުން ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓު ޗާޖުގެ ގޮތުގައި 25 ޑޮލަރާއި ސާވިސް ޗާޖުގެ ގޮތުގައި އިތުރު 25 ޑޮލަރު ނަގައެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ކޮންމެ ދިވެއެސެއްގެ އަތުން، ދަތުރުކުރަނީ އިކޮނޮމިކް ކްލާސްގައި ކަމަށްވާނަމަ މިހާރުވެސް ނަގަމުންދާ ގޮތަށް 12 ޑޮލަރު ނަގާނެއެވެ. އަދި ފަސްޓް ކުލާހުން ދަތުރުކުރާނަމަ 90 ޑޮލަރު އަދި ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ 60 ޑޮލަރު ނަގާނެއެވެ. ބިޒްނަސް އަދި ފަސްޓް ކްލާހުން ދަތުރުކުރާ ބިދޭސީން އަތުންވެސް ނަގާނީ އެ މިންވަރެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގަން ވަނީ ހުށަހަޅައިފައެވެ.

މިކަމާއި ގުޅުގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ޓެކްސްތަކަށްއައި ބަދަލުތަކުގެ ތަފްސީލް ހިއްސާކުރަމުން ވިދާޅުވީ ރާއްޖެއިން ބޭރަށްފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާ ފީ ނެގުމާބެެހޭ ޤާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން އެންމެބޮޑު ނޭދެވޭ އަސަރެއްކުރާނީ ގެސްޓު ހައުސް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ކަމަށެވެ.

ރާއްޖެއިން ބޭރަށްފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާ ފީ ނެގުމާބެެހޭ ޤާނޫނަށް ގެނެވޭ އިސްލާހަށް އަމަލުކުރަން ފަށާނީ ޖެނުއަރީ 1، 2022 ގައެވެ.