ހިނގަމުން މިދާ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަސް ނިމުނު އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މޯބައިލް ފޯނު އެޕްލިކޭޝަންތައް ބޭނުން ކުރާ ކަސްޓަމަރުން، ހޭދަ ކުރި ފައިސާގެ އަގު، އެތައް ބިލިއަން ޑޮލަރަކަށް އަރައިފިއެވެ.

ބާޒާރުގެ ހަރަކާތްތައް ވިލަރެސް ކުރަމުން އަންނަ ސެންސާ ޓަވަރުން ބުނާ ގޮތުގައި، މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މޯބައިލް ފޯނު ބޭނުން ކުރާ ކަސްޓަމަރުން، ގާތްގަނޑަކަށް 65 ބިލިއަން ޑޮލަރު ހަރަދު ކޮށްފައިވެއެވެ.

ސެންސާ ޓަވަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި ޖޫން މަހާ ދެމެދު، އެޕް ސްޓޯ އަދި ގޫގްލް ޕްލޭ ސްޓޯރަށް 64.9 ބިލިއަން ޑޮލަރު، ކަސްޓަމަރުން ހަރަދުކޮށްފައިވެއެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅާ ބަލާއިރު 25 ޕަސެންޓް އިތުރު އަދަދެކެވެ.

އެޕަލް ކުންފުނީގެ އެޕް ސްޓޯރަށް ބަލާއިރު، ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކަސްޓަމަރުން ވަނީ 41.5 ބިލިއަން ޑޮލަރު ހަރަދު ކޮށްފައެވެ. އެއީ ސަބްސްކްރިޕްޝަންތަކުގެ އިތުރުން އެޕް މެދުވެރިކޮށް ގަނެފައިވާ އެހެން އެޕްލިކޭޝަންތަކުގެ ފީގެ ގޮތުގައެވެ. ޖޫން މަސް ނިމޭއިރު، ގޫގްލް ޕްލޭ ސްޓޯރަށް، ކަސްޓަމަރުން 23.4 ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވަކިވަކި އެޕްލިކޭޝަންތަކަށް ބަލާއިރު ކަސްޓަމަރުން އެންމެ ގިނަ އަދަދަކަށް ފައިސާ ހަރަދު ކޮށްފައި ވަނީ ޓިކްޓޮކްއަށެވެ. އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓިކްޓޮކް އެޕްލިކޭޝަނަށް 920 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅާ ބަލާއިރު 74 ޕަސެންޓް އިތުރު އަދަދެއް ކަމަށް ސެންސާ ޓަވާގެ ރެކޯޑްތަކުން ދައްކައެވެ.

ޓިކްޓޮކްގެ ފަހަތުން މި ލިސްޓުގައި ދެން އޮތީ ޔޫޓިއުބްއެވެ. އެގޮތުން، ޔޫޓިއުބަށް 575 މިލިއަން ޑޮލަރު ހަރަދު ކޮށްފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މޯބައިލް ފޯނު މެދުވެރިކޮށް، ކުޅޭ ގޭމްތަކަށް ބަލާއިރު، މި ކަމަށް ކުރި ހޭދަ ވެސް ވަނީ މިއަހަރު، 18 ޕަސެންޓް އިތުރު ވެފައެވެ. އެގޮތުން، މޯބައިލް ގޭމްތަކަށް މިއަހަރުގެ މިހާ ހިސާބަށް 44.7 ބިލިއަން ޑޮލަރު ހަރަދު ކޮށްފައިވެއެވެ. މޯބައިލް ގޭމިންގް ވިޔަފާރިއަށް ބަލާއިރު، ކަސްޓަމަރުން އެންމެ ބޮޑު އަދަދަކުން ފައިސާ ހޭދަ ކުރީ ޗައިނާގެ އިންޓަނެޓް ކުންފުނި، ޓެންސެންޓަށެވެ.