ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 4 ގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މައުލޫމަާތު ލިބިފައިވާ ގޮތުގައި މިއަދު ބާއްވާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް-19 އާ ގުޅޭގޮތުން އަޅާ އެންމެފަހުގެ ފިޔަވަޅުތައް ހާމަކުރާނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިހާރު މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތު ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ކާފިއު ހިންގާނީ ހަވީރު 6 އިން ފަތިހު 4 އަށެވެ.

މީގެ އިތުރުން ސެލޫންތައް ހުޅުވުމަށް ހުއްދަ ދޭން ނިންމި ގޮތަށް ހިދުމަތްދޭ ޕްލޭން ހުށަހަޅައިގެން ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ހުއްދަ ދެވޭ ޖިމްތައް ހުޅުވޭނީ ފަތިހު 5 އިން އިރުއޮއްސި 6 އަށެވެ.

އޭގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖެހުނު ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށާއި ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި އަދިވެސް އަމަލު ކުރަމުން ދާނީ ކުރީގެ އުސޫލާ އެއްގޮތަށް ކަމަށެވެ.

އެފިޔަވަޅުތައް އަޅާފައިވަނީ އެއް ހަފްތާގެ މުއްދަތަކަށެވެ. އެގޮތުން އެމުއްދަތު މިއަދު ހަމަވާނެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ރައީސް ސޯލިހު އެންމެ ފަހުން މީޑިއާއާ ބައްދަލު ކުރައްވާފައިވަނީ މިމަހު 8 ވަނަ ދުވަހުއެވެ.