ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން ޖުލައި 3 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މުއްދަތު ޖުލައި 3 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ކުރައްވާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގައި އަމަަލު ކުރުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށާއި، އެ އެޖެންސީގެ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ގޮތުން ގޭގައި ތިބެގެން މުވައްޒަފުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނަމަވެސް ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތުގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރެވޭނެ ކަމަށާއި، މަސައްކަތް ކުރެވޭނީ އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.