ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް، ސިލްސިލާ ގޮތެއްގައި ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށް، ސައުދީގެ ސަރަހައްދީ ބައިވެރިން ގޮވާލައިފިއެވެ.

ސައުދީގެ ސަރަހައްދީ ބައިވެރިން ވަނީ، ސައުދީގެ އިސްތިރާޖީ ބިނާވެއްޓާއި، މަދަނީ ފަރުދުންނަށް އަމާޒުކޮށްގެން ހޫތީން ދެމުންދާ ސިލްސިލާ ހަމަލާތައްވެސް ކުށްވެރި ކޮށްފައެވެ. އަދި ސައުދީއަށް ކުރިމަތިވާ ހާލަތަށް ސަމާލުވެ، މިފަދަ އިތުރު ހަމަލާތަކަކުން އެ ގައުމު ސަލާމަތް ކުރުމަށްޓަކާ، ބައިނަލްއަގުވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށްވެސް ސައުދީގެ ބައިވެރިން ވަނީ، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއިން މިދިޔަ އާދީއްތަ ދުވަހު ހާމަ ކުރި ގޮތުގައި، އޭގެ ކުރިއަށް ފާއިތުވީ 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް، ހޫތީންގެ 6 ޑްރޯން ހަމަލާއަކާ، 4 ބެލިސްޓިކް ހަމަލާއަކުން ސައުދީ ދިފާއު ހޯދާފައިވެއެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ ނާއިފް އަލް-ހަޖުރަފް ވިދާޅުވީ، ހޫތީންގެ މި ހަމަލާތަކަކީ، ބައިނަލްއަގުވާމީ މުޖުތަމައަށްވެސް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ޔަމަނަށް ސުލްހަ ގެނައުމަށް ކުރަމުންދާ މަސައްކަތަށް އިންކާރު ކުރަނިވި އަމަލެއް ކަމަށެވެ. ހޫތީންނަކީ، ޔަމަނުގައި އެ ގައުމުގެ މައި ސަރުކާރާ ދެކޮޅަށް، އެންމެ އިސްކޮށް ހަނގުރާމަ ކުރަމުން އަންނަ ހަނގުރާމަވެރި ޖަމާއަތެވެ.

ހޫތީންނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށް ސައުދީގެ ސަރަހައްދީ ބައިވެރިން ގޮވާލާފައި ވާއިރު، މިކަމުގައި ރާއްޖެއިން ދެކޭ ގޮތަކީ ކޮބައިތޯ ދަ ޕްރެސްއިން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން، މިކަމަށް މިވަގުތު އެއްޗެއް ބުނަން ނެތް ކަމަށް، އެ ވުޒާރާއިން ވަނީ ބުނެފައެވެ.