ސޯޝަލް މީޑިއާގެ ދުނިޔޭގެ ބޮޑު ކޮންޓްރޯލެއް އޮންނަ ފޭސްބުކް (އެފްބީ) ގެ ބާޒާރު އަގު ނުވަތަ މާކެޓް ވެލިއު، ފުރަތަމަ ފަހަރަށް، 1 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ.

ފޭސްބުކްގެ މަކެޓް ވެލިއު، 1 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައި މި ވަނީ، އެކުންފުނީގެ ހިއްސާގެ އަގުތައް 4.2 ޕަސެންޓް އުފުލި، ހިއްސާއެއްގެ އަގު، 355.64 ޑޮލަރަށް އެރުމާ އެކުގައެވެ.

ފޭސްބުކްގެ ހިއްސާގެ އަގުތައް އުފުލިފައި ވަނީ، ފޭސްބުކްއާ ދެކޮޅަށް އެމެރިކާގެ ފެޑެރަލް ކޯޓަކަށް ހުށަހަޅާފައިވާ 2 މައްސަލައެއް، އެ ކޯޓުން ބޭރުކޮށްލުމާ ގުޅިގެންނެވެ. ފޭސްބުކްއާ ދެކޮލަށް އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ޝަރުއީ އިޖުރާއަތުތައް ފުރިހަމަ ނުވާ ކަމަށާ، ދެން ހުށަހާފައި އޮތް މައްސަލައަކީ މާ ކުރީގެ ކަމެއް ކަމަށް، ޔޫއެސް ޑިސްޓްރިކްޓް ކޯޓް ފޮ ދަ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ފަނޑިޔާރު، ޖޭމްސް ބޯޒްބާގް ވަނީ ކަނޑައަޅުއްވާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ވެފައި ވަނީ، ފޭސްބުކް ފަދަ ޓެކްނޮލޮޖީގެ ދުނިޔެ ކޮންޓްރޯލް ކުރާ ކުންފުނިތަކަށް މާލީ ތަނަވަސްކަން އިތުރު ކުރުވާ ކަމަކަށެވެ. އެގޮތުން މިއަހަރު އެކަނިވެސް، ފޭސްބުކްގެ ހިއްސާގެ އަގުތަކަށް 30 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ދުނިޔޭގެ ބޮޑެތި ވިޔަފާރިތައް ޑޮމިނޭޓް ކުރަމުން އަންނަ އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން 1 ޓްރިލިއަން ޑޮލަރުގެ ފާހަގަ ހުރަސް ކުރި ފުރަތަމަ ކުންފުންޏަކީ އެޕަލް އިންކްއެވެ. އޭގެ ގާތްގަނޑަކަށް 3 ވަރަކަށް އަހަރު ފަހުން، މިއަދު، 4 ކުންފުންޏެއް މިވަނީ 1 ޓްރިލިއަން ޑޮލަރުގެ ފާހަގަ ހުރަސްކޮށްފައެވެ. އެއި އެމެޒޯން ކުންފުނީގެ އިތުރުން، ގޫގްލްގެ ބެލެނިވެރި އެލްފަބެޓް އިންކް އަދި އެންމެ ފަހުން މި ލިސްޓުން ޖާގަ ހޯދި އެފްބީއެވެ.