ފުވައްމުލަކުގެ ދެ ސްކޫލެއްގައި އިތުރު އިމާރާތެއް އެޅުމަށް އިނޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝަމީމެވެ.

މިނިސްޓްރީން ބުނީ، ފުވައްމުލަކުގައި ކުރިޔަށް ގެންދާ އެ 2 މަޝްރޫއަކީ 2021 ގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުތައް ކަމަށެވެ.

އެގޮތުން މުހައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމް އަދި ކޮމްޕިއުޓާ ލެބް އިމާރާތުގެ މަސައްކަތް ކުރުމަށް އިނޯކާއާ ހަވާލުކޮށްފައި ވަނީ 12 މިލިއަން ރުފިޔާ އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ފުވައްމުލަކު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް އިނޯކާއާ ހަވާލުކޮށްފައި ވަނީ އަށް މިލިއަން ރުފިޔާ އަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މުހައްމަދު ޖަމާލުއްދީން ސްކޫލްގައި ކުރިޔަށް ގެންދާ މަޝްރޫއު 365 ދުވަސް ތެރޭގައި އަދި ފުވައްމުލަކު ސްކޫލްގައި ކުރިޔަށް ގެންދާ މަޝްރޫއު 330 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އިނޯކާއިން ބުނެފައިވާ ކަމަށެވެ.