ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަގާމަށް، ދެ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެ ދެ މަގާމަށް އައްޔަން ކުރައްވާފަވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ.ސުނާރު ހަދީޖާ ނަސީމެވެ.

ރައީސް އޮފީހުން ބުނީ ހަދީޖާ ނަސީމް، އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ކަމަށެވެ. އަދި ބައިނަލް އަގްވާމީ އަދި ރާއްޖޭގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަގާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާ ތަޖްރިބާ ހޯއްދަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިނިސްޓާ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ.ކަނޑުވައިގެ އަހްމަދު އަފްސަލް އިބްރާހީމެވެ.

އަހްމަދު އަފްސަލް ކޮމްޕިއުޓާ ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސް ( އޮނާސް) އިން މޮބައިލް ކޮމްޕިއުޓިން ހާސިލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އަހްމަދު އަފްސަލް އިބްރާހީމް މީގެ ކުރިން ސަރުކާރުގެ އިދާރާތަކާ އަމިއްލަ ކުންފުނިތަކުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ކަމަށެވެ. އަދި ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.