ފޮރިން ސާވިސް ބިލަކީ ބޭރުގެ ބައެއް ރައްޔިތުންނަށް ވަޒީފާ ދިނުމަށް މަގުފަހިވާ ގޮތަށް ފަރުމާ ކުރެވިފައިވާ ބިލެއް ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް އިން ހާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަކިކޮށް ހާރިޖީ ހިދުމަތަކީ ވަކި ދާއިރާއަކަށް ހަދަން ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ މި ބިލުގެ 37 ވަނަ މާއްދާ ސިފަ ކުރެވެނީ ބޭރުގެ ރައްޔިތުންނަށް ވަޒީފާ ދެވޭނެ މާއްދާއެއްގެ ގޮތުގައި ކަމަށެވެ.

ސައީދު ވިދާޅުވީ ފޮރިން ސެކްރެޓަރީ ފިޔަވައި ހުރިހާ އެގްޒެކެޓިވް މުވައްޒަފުން އައްޔަންކުރަނީ މިނިސްޓަރު ކަމަށާއި، އަދި އެގްޒެކެޓިވް ފެންވަރު ނޫނަސް މަޤާމުތަކަށް މުވައްޒަފުން އައްޔަންކުރަނީ މިނިސްޓަރުގެ ލަފާގެ މަތިން ފޮރިން ސެކްރެޓަރީ ކަމަށެވެ.

މި ބިލުގައި ވަރަށް ކަންބޮޑުވާ ކަމެއް އޮތްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މި ބިލުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ދިވެހިރާއްޖޭގެ މިނިވަންކަމާއެކު ސަރަހައްދީ ރައްކާތެރިކަން ބެލެހެއްޓުން ލިޔެފަ އޮތް އޮތުމުން ކަންބޮޑުވާ ކަމަށެވެ. އަދި މި މާއްދާއަކީ ވަރަށް ނުރައްކާތެރި މާއްދާއެއްކަމަށް ސައީދު ވަނީ ސިފަކޮށްފައެވެ.

ސައީދު އިތުރަށް ވިދާޅުވީ ބިލުގެ 4 ވަނަ މާއްދާގެ (ހ) ގައި މިހެން އޮތުމުން ސިފަ ވަނީ "މަނަވަރަކަށް އަތްގާތްކޮށްދޭން ފައްތިޔަލެއްގަ ފަލިޖެހުން" ކަހަލަ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި މިފަދަ ބަޔަކަށް މި ދިވެހިރާއްޖެ ވެގެން ނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަކީ ޝައްކެއްވެސް ނެތް ގޮތުގައި އެންމެން ގަބޫލުކުރަންޖެހޭ ކަމެއް ކަމަށާ އަދި މިއީ އެންމެ މުހިންމު މަސައްކަތް ކަމުގައިވެސް ގަބޫލުކުރަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ މިއީ 3 ސަރުކާރަކުން މަސައްކަތްތަކެއް ކުރެވިފައިވާ ބިލެއްކަމަށާ، ހާއްސަކޮށް ޕީޕީއެމްގެ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި މި ސަރުކާރުން ހުށަހެޅި ބިލެއްކަމަށް ފާހަގަކުރައްވާކަމަށެވެ.